Last Updated: June 29, 11:41
Monday, June 29, 2026
ޚަބަރު

ބަސް އެކްސިޑެންޓަކީ ގަސްތުގައި ކުރިކަމެއް: ސީޕީ

އިއްޔެ ހަވީރު ކުޅުނު އޭއެފްސީ ޗެލެންޖް ކަްޕގެ ގްރޫޕް ބީގެ ފަހު މެޗް ނިންމުމަށް ފަހު އަފްޣާނިސްތާނު ޓީމާއި، ލާއޮސްގެ ޓީމް ގޮވައިގެން ފޭދޫ ބަނދަރަށް ދިއުމަށް ދަތުރުކުރަމުންދިޔަ މޮޓަރކޭޑް އެކްސިޑެންޓަކީ ބަޔަކު މީހުން ނުވަތަ މީހަކު ގަސްތުގައި ކުރިކަމެއްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތްކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ވަހީދު ވިދާޅުވީ މި ޙާދިސާ އާ ގުޅިގެން ހިނގައި ދިޔަ ކަންތައްތަކާއި މިހާތަނަށް ކުރެވުނު ތަޙުޤީޤުގެ މަސައްކަތަށް ރިޢާޔަތް ކުރާ އިރު މިއީ ބަޔަކު ނުވަތަ މީހަކު ދުރާލައި ރާވައިގެން ހިންގާފައިވާ ދަށު ދަރަޖައިގެ ޢަމަލެއްކަމަށް ބެލުމުގެ ފުރުޞަތު އޮތުމާއެކު އެމައްސަލާއި ގުޅިގެން އެހެންކަމެއް މެދުވެރިވެފައި އޮތްތޯ އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ މާލެ އާއި އައްޑޫ ސިޓީގައި މިމުބާރާތަށް ބޮޑު ސަރަޙައްދެއް ގިނަ ވަގުތުތަކުގައި ބަންދު ކުރަން ޖެހުމުން ފުލުހުން މިހާތަނަށް މަސައްކަތް ކުރީ ރައްޔިތުންނަށް ވީހާވެސް ދަތިކަން ކުޑަވާނެ ގޮތަށް މަސައްކަތްތައް ރާވައިގެން ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

އެހެންކަމުން މިހާތަނަށްވެސް ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް އައްޑޫ ސިޓީގައި އަދި މާލެއިންވެސް ފުލުހުންނަށް ލިބިގެން ގޮސްފައިވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އިއްޔެގެ އެކްސިޑެންޓާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ޤައުމީ މިފަދަ ކަމެއްގައި މިފަދަ ހިތާމަވެރި ޙާދިސާއެއް ހިނގައިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި މުބާރާތުގެ ކުރިޔަށް ހުރި މެޗްތަކުގައިވެސް ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށްފައިވާއިރު އެކަންކަންކަމުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ފުލުހުންނަށް ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުން މިމައްސަލަ ތަހްގީގު ކުރަމުން އަންނަ އިރު އަފްޢާނިސްތާން ޓީމް ގޮވައިގެން ދަތުރު ކުރި ބަސް ދުއްވަން އިނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވެއެވެ. މިހާދިސާގައި ބޮޑުވަރު ވެފައިވަނީ ވެސް އަފްޢާނިސްތާން ޓީމް ކުޅުންތެރިންނަށެވެ.

އެކްސިޑެންޓް ހިނގަން "މެދުވެރިވި" ޒުވާނާ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ހެނދުނު ބުނެފައެވެ.

މިހާދިސާގައި އަނިޔާ ލިބުނު އަފްޢާންގެ ކުޅުންތެރިންވަނީ މާލެ ފޮނުވާފައެވެ. އަދި އެޓީމްގެ ބާކީ ތިބި ކުޅުންތެރިން މިރޭގެ ވަގުތެއްގައި ފުރާނެއެވެ.