Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އޮޕަރޭޝަނަކަށް އަކްޝޭ 15 ލައްކަ ހަދިޔާކޮށްފި

ޒުވާން އަންހެނެއްގެ ހިތް ބަދަލުރުމުގެ އޮޕަރޭޝަނަކަށް ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު 15 ލައްކަ ރުޕީސް (18،361 ޑޮލަރު) ހަދިޔާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަކްޝޭ އެހީވެފައި ވަނީ ނިއު ދިއްލީގެ ގުރްގަމް އަށް ނިސްބަތްވާ 25 އަހަރުގެ މީހެއްގެ ހިތުގެ އޮޕަރޭޝަނެވެ. އެ އެހީ އަކްޝޭ ދިނީ މިދިޔަ އަހަރުގެ ޖޫން މަހު ރިލީޒްކުރި އޭނަގެ ފިލްމު "ސަމްރާޓް ޕްރިތިވީރާޖް" ގެ ޑައިރެކްޓަރު ޗަންދުޕްރަކާޝް ދިވެދީގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އެގޮތުން އަންހެން މީހާގެ ހިތް ބަދަލުކުރުމުގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރަން ޖެހި، ނަމަވެސް މާލީ ހާލަތު ހުރި ގޮތުން އެކަމަށް ދަތިވެފައިވާކަން އާއިލާގެ ފަރާތުން ދިވެދީ އަށް އެނގުމާ ގުޅިގެން އެ ވާހަކަ އަކްޝޭ ގާތު ހިއްސާކުރީ އެވެ. އަދި ވަގުތުން އަކްޝޭ އޮޕަރޭޝަނަށް އެހިވާން ނިންމި އެވެ.

އަކްޝޭގެ ފަރާތުން ލިބުނު އެހީއާ ގުޅިގެން އަންހެން މީހާގެ ކާފަ ޔޮގެންދުރަ އަރޫން ވަނީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި އިންސާނިއްތަކަށްޓަކައި އަކްޝޭގެ ފަރާތުން ލިބުނު އެހީ އަށް އާއިލާ އިން އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށް ބުނެފައިވެ އެވެ.

ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތަރިންގެ ތެރޭގައި ހިމެނޭ އަކްޝޭ، 55، އަކީ އަބަދު ވެސް އެކި ކަންކަމާ ގުޅިގެން ބޮޑެތި އަދަދުތަކުން އެހީދޭ ތަރި ތަރިއެކެވެ.