މި މަހު ބާއްވާ ޕްރައިމަރީ އަށް ފަހު ބާކީ ވާނީ އެމްޑީޕީ ތެރޭގައި ފިތުނަ އުފައްދަން އުޅޭ މީހުން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި މޫސަ، ޕްރައިމަރީގެ އަނެއް ކެންޑިޑޭޓް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިތުނަ އުފައްދަން ޖާގައެއް ވެސް ނެތް އެކަމަށް މަސައްކަތް ކުރާ ބަޔަކު މި ފަހަރު ވާނީ އެކަހެރި ކަމަށެވެ.
"އެމްޑީޕީ އަކީ ވިސްނުންތެރިކަމާ އެކު ސިޔާސީ ހަރަކާތް ކުރަން ދަންނަ ޕާޓީއެއް. ކުރިން ވެސް އެކަން ކުރީ އަޅުގަނޑުމެން. މިހާރު ވެސް އެކަން ކުރާން ނުކުމެ މިތިބީ." އޭނާ ވިދާޅުވި އެވެ.
MDPއަކީ ވިސްނުންތެރިކަމާއެކު ސިޔާސީ ހަރަކާތްކުރަން ދަންނަ ޕާޓީއެއް، ކުރިންވެސް އެކަން ކުރީ އަޅުގަނޑުމެން، މިހާރުވެސް އެކަންކުރާންނުކުމެ މިތިބީ އަޅުގަނޑުމެން އެތރޭގަ ފިތުނައުފައްދަންޖާގައެއްނެތް އެކަމަށްމަސައްކަތްކުރިބަޔަކު އެކެހެރި ވާނީމިފަހަރު، MDPކުރިއަށް އިބޫ2023
— Moosa Maniku (Reeko) (@ReekoMoosa) January 11, 2023
މޫސަ ވިދާޅުވީ މިހާރު އަތޮޅުތެރެއަށް ދަތުރުކޮށްލުމުން ރައީސް ސޯލިހުގެ ވެރިކަމުގައި ގެންނެވީ ތަރައްގީ ވެސް ފެންނަ ކަމަށެވެ.
"އަތޮޅުތެރޭގައި ދަތުރުކޮށްލީމަ އެނފެނީ ރައީސް ރަށްރަށުގެ ތަރައްގީ އަށް ކޮށް ދެއްވާފައިވާ އަދި ކޮށް ދެއްވަމުން ގެންދަވާ މަސައްކަތް،" ރައީސާ އެކީ ކެމްޕޭން ދަތުރުގައި ބައިވެރިވާ މޫސަ ވިދާޅުވި އެވެ. "އެކަމަށްޓަކައި ރައްޔަތުން ހިފެހެއްޓުމެއް ނެތް ޝުކުރު ރައީސް ސޯލިހަށް އެބައޮތް. ކުރިއަށް މިއޮތް ކެމްޕޭން ނިމޭ އިރު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ."
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.