Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ގަވަރުނަރު ކުރައްވަނީ ސަރުކާރަށް ޖެއްސުން

ދައުލަތުގެ ރިޒާވް އިތުރުވާ އިރު ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ސަރުކާރަށް ޖެއްސުން ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިމިޓްކުރުމާ ގުޅިގެން ގަވަރުނަރަށް ފާޑުވިދާޅުވެ، ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަވަރުނަރު އިސްކޮށް ހުންނަވައިގެން މިފަދަ ކަންކަން ކުރެއްވުމަކީ ކަނޑައެޅިގެން ސަރުކާރަށް ޖެއްސުން ކުރެއްވުމަށް ހިންގަވާ ޖަރީމާއެއް ކަމަށެވެ.

"ދައުލަތުގެ ރަސްމީ ރިޒާވް އިތުރުވެ، [ރާއްޖޭގެ އިގުތިސާދު] ހަމައަކަށް އެޅިފައިވާ އިރު ވެސް މިފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "ވަކި މީހަކު ބުނާ ގޮތަށް މިފަދަ ކަންކަން ކުރުން ގޯސް."

ގައުމީ ބޭންކުން އިއްޔެ ބުނި ގޮތުގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރަން ލިމިޓްކުރަން ނިންމީ މަރުކަޒީ ބޭންކުން އެޅި ފިޔަވަޅަކާ ގުޅިގެން ކަމަށެވެ.

ބީއެމްއެލް އިން ބުނީ މި މަހުގެ 1 އިން ފެށިގެން ޓިއުޝަން ފީ އާއި ލިވިން އެލަވަންސް އަށް ވާ ޑޮލަރު ދޫކުރާނީ ހަމައެކަނި އޭ ލެވަލް އިން މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށާއި، އޭވިއޭޝަން، ލޯ އަދި މެޑިސިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގެ ދަރިވަރުންނަށް ކަމަށެވެ. އަދި މި ބަދަލު ގެންނަން ޖެހުނީ އެމްއެެމްއޭ އިން ދޭ ޑޮލަރު ސަޕޯޓާ އެގޮތަށް އެބަ ދަލު ގެންނަށް ޖެހިގެން ކަމަށް އެ ބޭންކުން ބުންޏެވެ.