Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ނަޝީދަކީ ފިނޑިއެއް، ދެވަނަ ފުރުސަތެއް ނެތް

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ބޮޑު ފިނޑިއެއް ކަމަށާއި އެ މަނިކުފާނަށް ވެރިކަމުގެ ދެވަނަ ފުރުސަތެއް ދޭން ހެޔޮ ވެސް ނުވާނެ ކަމަށް ބުނެ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ޑރ. މުހައްމަދު އިޔާޒް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ނަޝީދު އެމްޑީގެ ޕްރައިމަރީގައި ވާދަކުރެއްވި ފަހުން ތަކުރާރުކޮށް ފާޑު ވިދާޅުވަމުން ގެންދަނާ ދީނީ އިލްމުވެރިޔާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ނަޝީދަކީ ވެރިކަން ކުރައްވަން ލިބިވަޑައިގަތުމުން ދައުރުގެ މެދު ތެރެއިން އިސްތިއުފާ ދެއްވި ފިނޑިއެއް ކަމަށެވެ.

"އަމިއްލަ އަށް އިސްތިޢުފާގެ ސިޓީ ލިޔެ މަޖްލިހަށް ފޮނުވައި ނާއިބު ރައީސް ވެރިކަމާ ޙަވާލުވީ ފަހުން ހިނދިކޮޅު ފިލައި ދިޔައިމާ "ބޮލުގައި ބަޑި ޖެއްސީއްޔޭ“ ކިޔާފައި ވާހަކައެއް ހަދާލި،" އިޔާޒް ވިދާޅުވި އެވެ. "އެވަރުގެ ފިނޑިއަކަށް ދެވަނަ ފުރުޞަތެއް ދޭން ހެޔޮނުވާނެ."

އޭނާ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ނަޝީދު ކަހަލަ ފިނޑި ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ސޯލިހަކީ ނަޝީދު ކަހަލަ ފިނޑިއެއް ނޫން. ކިތަންމެ ވަރަކަށް މުޒާހަރާ ކުރިޔަސް ހެވޭ ބުނި،" އިޔާޒް ވިދާޅުވި އެވެ. "އެކަމު ދެ މީހަކު އެއްވެލާ އިރަށް ބިރުން ދިނީ އިސްތިއުފާ. އަރިހުގައި ތިބި އަޢްވާނުން ތިޔަހެން ނުހަދާށޭ ގޮވާ އާދޭސް [ވެސް] ކުރި."

އޭނާ ވިދާޅުވީ ނަޝީދަކީ ދުނިޔަވީ ގޮތުންވެސް ޤައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ބޭފުޅެއް ކަމަށެވެ.

"އިތުރު ގެއްލުމެއް ދިނުމަށް ފުރުޞަތެއް ނުލިބުން އެދި ދުޢާކޮށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ." އިޔާޒް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ހަސަން ކުރުސީގެ ޓްވީޓަކަށް ވެސް ރައްދު ދެއްވައި އިޔާޒް ވަނީ ދޮގު ހަބަރު ފަތުރައިގެން މީސްތަކުންގެ ތެރޭގައި ފިތުނަފަސާދަ އުފައްދަން ކުރާ މަސައްކަތް ހުއްޓަވާލުމަށް ވެސް ގޮވާލައްވައިފަ އެވެ.

"މީސްމީހުންގެ ނަންތައް ލިޔުމުގައި ވެސް އަދި އެނޫން މައުލޫމާތުތަކުގައި ވެސް ބޮޑެތި އޮޅުވާލުންތައް މީގައި އެބަހުރި. ތެދުބަހުން ލިޔަން ނޭނގޭ ނަމަ ހަނުހުރުން މާ ރަގަޅުވާނެ." އޭނާ ވިދާޅުވި އެވެ.