Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ގޯލްޑެން ގްލޯބްސް: މޮޅު ފިލްމަކީ "ދަ ފޭބްލްމޭންސް"

މި އަހަރުގެ 80 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ މޮޅު ފިލްމުގެ މަގާމު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ޑްރާމާ ފިލްމު "ދަ ފޭބްލްމޭންސް" އަށް ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި މި ފިލްމަކީ 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި އަޅުވައިގެން ހަރަދު ވެސް ފޫނުބެއްދުނު ފިލްމެކެވެ. އެއަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ އެންމެ 16.4 މިިލިއަން ޑޮލަރެވެ. މީގެ މައިގަނޑު ކާސްޓަކީ މިޝެލް ވިލިއަމްސް، ޕޯލް ޑާނޯ، ސެތު ރޯޖެން، ގެބްރިއެލް ލަބެލް އަދި ޖުޑް ހާޝް އެވެ.

ގޯލްޑެން ގްލޯބްގައި "ދަ ފޭބްލްމޭންސް" ފަސް ކެޓަގަރީއަކުން ނޮމިޓެވެ. އެގޮތުން އެންމެ މޮޅު ފިލްމުގެ މަގާމާއި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާު ސްޕީލްބާގަށް ލިބިފައިވެ އެވެ.

"ދަ ފޭބްލްމޭންސް" އަކީ މޯޝަމް ޕިކްޗާ އެންމެ މޮޅު ޑްރާމާ ފިލްމަށް ވާދަކުރި ފިލްމުތަކުގެ ތެރޭގައި ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އާއި "އެލްވިސް" އާއި "ޓާރް" އަދި "ޓޮޕް ގަން: މެވެރިކް" ހިމެނެ އެވެ.

ގޯލްޑެން ގްލޯބްސްގެ އުސްއަލިތައް:

* ބެސްޓް ޕިކްޗާ، މިއުޒިކަލް/ކޮމެޑީ: ދަ ބެންޝީންސް އޮފް އިނިޝެރިން
* މޮޅު ސްކްރީންޕްލޭ؛ މޯޝަން ޕިކްޗާ: ދަ ބެންޝީންސް އޮފް އިނިޝެރިން
* މޮޅު ބަތަލު، މޯޝަން ޕިކްޗާ، ޑްރާމާ: އޮސްޓިން ބަޓްލާ (އެލްވިސް)
* މޮޅު ބަތަލާ، މޯޝަން ޕިކްޗާ، ޑްރާމާ: ކޭޓް ބްލެންޝެޓް (ޓާރް)
* މޮޅު ބަތަލު، މިއުޒިކަލް/ކޮމެޑީ: ކޮލިން ފެރެލް (ދަ ބެންޝީންސް އޮފް އިނިޝެރިން)
* މޮޅު ބަތަލާ، މިއުޒިކަލް/ކޮމެޑީ: މިޝެލް ޔިއޯ (އިވްރީތިން އިވްރީވެއާ އޯލް އެޓް ވަންސް)
* މޮޅު ސަޕޯޓިން އެކްޓަރު، މޯޝަން ޕިކްޗާ: ކީ ހޫ ކުއާން (އިވްރީތިން އިވްރީވެއާ އޯލް އެޓް ވަންސް)
* މޮޅު ސަޕޯޓިން އެކްޓްރެސް، މޯޝަން ޕިކްޗާ: އެންޖެލާ ބެޒޭ (ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ)
* މޮޅު ބޭރު ފިލްމު: އާޖެންޓީނާ 1985 (އާޖެންޓީނާ)
* މޮޅު އޮރިޖިނަލް ލަވަ، މޯޝަން ޕިކްޗާ: ނާތޫ ނާތޫ (އާރްއާރްއާރް)
* މޮޅު އެނިމޭޓެޑް ފިލްމު: ޕިނޯކިއޯ (ގްލިމޯ ޑެލް ޓޯރޯ)
* މޮޅު ޓީވީ ސީރީޒް، ޑްރާމާ: ހައުސް އޮފް ދަ ޑްރެގަން (އެޗްބީއޯ)
* މޮޅު ޓީވީ ސީރީޒް، މިއުޒިކަލް/ކޮމެޑީ: އެބޮޓް އިލެމެންޓްރީ (އޭބީސީ)

ގޯލްޑެން ގްލޯބް އެވޯޑްސް އަކީ އޮސްކާ އެވޯޑް ފިޔަވައި ފިލްމީ އުފެއްދުންތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ މާޗް 12 ގަ އެވެ.