Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ރައީސް ވެރިކަމަށް ގެނައީ ދޮޅު އަހަރަށް: ނަޝީދު

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރުގެ ރައީސް އިބްރާހީމް މިހައްމަދު ސޯލިހު ހަމަޖެއްސީ އިންތިހާބުވެއްޖެ ނަމަ ދޮޅު އަހަރު ވެރިކަން ކުރައްވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަށް ވެރިކަން ކުރަން ލިބުނު ފުރަތަމަ ދައުރުގެ ތެރެއިން އިސްތިއުފާ ދެއްވި ނަޝީދު އަލުން ވެރިކަމަށް ވަޑައިގަތުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އިރު ރޭ ބ. ތުޅާދޫގައި ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ގެނައީ ފަސް އަހަރު ވެރިކަން ކުރައްވަން ނޫން ކަމަށެވެ.

އޭގެ ބަދަލުގައި އޭރު ނިންމާފައި އޮތީ ރައީސް 18 މަސް ދުވަހު ވެރިކަން ކުރެއްވުން ކަމަށް ވިދާޅުވި އެވެ. އަދި އެެމްޑީޕީގެ މެނިފެސްޓޯގައި ވެސް އޮތީ އެހެން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓްގެ ފުރުސަތު ރައީސް ސޯލިހަށް ދޭން ނިންމީ އެ މަނިކުފާނަށް އޭރުގެ ހާލަތު ނިޔާކުރި ގޮތުން ވާދަކުރެއްވެއް ނެތުމުން ކަމަށެވެ. ދެހާސް އަށާރައިގެ އިންތިހާބަށް ތައްޔާރުވި އިރު، ނަޝީދު ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ބޭސްފަރުވާ އަށް ވަޑައިގެންގެނެވި ގޮތަށް ރާއްޖެ ވަޑައިނުގެން "ސަރުކާރަށް ފިއްލަވައިގެން" އުޅުއްވީ އިނގިރޭސިވިލާތުގަ އެވެ.

ނަޝީދު ވިދާޅުވީ 2018 ގެ އެިންތިހާބާ ކުރިމަތިލު އިރު މިހާރުގެ ކޯލިޝަންގެ ހުރިހާ ލީޑަރުންހެން ތިބީ ޖަލުގައި ކަމަށެވެ. އެހެންވެ މަޝްވަރާކޮށް އޭރު ނިންމެވީ އެމްޑީޕީގެ ފަރާތުން ނިކުންނަ ކެނޑިޑޭޓަށް ހުރިހާ އެންމެން ތާއީދުކޮށް ވެރިކަން އަލުން އަނބުރާ ޑިމޮކްރެޓިކް ނިޒާމަށް ގަނައުމަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި އެއިރަކު ނިންމައެއް ނޫން ހުރީ ތިން ދައުރަށް، ދެ ދައުރަށް ފަސް ދައުރަށް، ހަގީގަތުގައި ނިންމައިގެން ތިބީ 18 މަސް ދުވަހަށް،" ނަޝީދު ވިދާޅުވި އެވެ. "އަދި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ލިޔެފައި އޮތީ ވެސް އަށާރަ މަސް ދުވަހަށް. އެހެންވީމަ ރައީސުލްޖުމުހުރިއްޔާ އޭރު ފުރަތަމައިނުން ވެސް ވިދާޅުވަމުން ގެންދެވީ އެންމެ ދެކެވަޑައިގަންނަވާ ހިތްވާ ދުވަހަކީ އަލުން އަނބުރާ އަޅުގަނޑު ވެރިކަމަށް އަންނަ ދުވަސް ކަމަށް."

އެމްޑީޕީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ނަޝީދު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ޕާޓީތަކުން ވެސް ކުރިމަތިލާނެ ކަމަށެވެ. އެހެންވެ ރައީސް ސޯލިހަށް އެމްޑީޕީގެ ޓިކެޓް ދީގެން ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީ ރައީސް ސޯލިހަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.