Last Updated: April 23, 20:38
Tuesday, April 23, 2024
ދުނިޔެ

އިގުތިސާދީ ކުރިއެރުން 1.7 ޕަސެންޓްގައި

މި އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އެންމެ 1.7 ޕަސެންޓަށް ކަމަށާއި ދުނިޔެ މިހާރު އޮތީ ރިސެޝަނަކާ ވަރަށް ގާތުގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެތަނުން ބުނީ މި އަހަރު އިގުތިސާދު ތިން ޕަސެންޓަށް ކުރިއަރާނެ ކަމަށް ކުރިން އަންދާޒާކުރެވުނު ނަމަވެސް އެ ހާލަތެއް މި ވަގުތަކު ނެތް ކަމަށެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ އެކީ ދުނިޔޭގެ އިގުތިސާދަށް އެރިލޮޅުންތަކާއި އިންފްލެމޭޝަން މަތިވުމާއި ތަކެތީގެ އުފުލުމާއި އިންޓަރެސްޓް ރޭޓް މަތިވުން ފަދަ އެތައް ކަމެއް ހިމެނޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

އެހެންވެ ސިޔާސަތު ރާވާ މީހުންގެ ކުރިމަތީގައި ހުރި ގޮންޖެހުންތައް ކުޑަ ނޫން ކަމަށް ބުންޏެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި މި އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނީ އެންމެ 1.7 ޕަސެންޓަށް ކަމަށް ލަފާކުރެވޭ އިރު، މިއީ 1991 ގެ ފަހުން މިހާ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕަސް ވިދާޅުވި ގޮތުގައި ދުނިޔޭގެ އިގުތިސާދީ ހާލަތު އޮތީ އެންމެން ވެސް ފުންކޮށް ވިސްނަން ޖެހޭ ފަދަ ހާލަތެއްގަ އެވެ. އެގޮތުން މި އަހަރަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އާމްދަނީ ވެސް ވަރަށް ދަށް އަހަރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑްގެ ކުރީގެ ދިހަ އަހަރާ ބަލާއިރު މި އަހަރު ލިބޭ އާމްދަނީ ވަރަށް މަދުވާނެ." ޑޭވިޑް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި އެންމެ ވަރުގަދަ އިގުތިސާދުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ އެމެރިކާ އާއި ޗައިނާ އަދި އީޔޫގެ ގައުމުތަކު އިގުތިސާދު ވެސް ކުރިއެރުން މަޑުޖެހިފައިވާ އިރު، މީގެ އަސަރު ޖުމްލަކޮށް މުޅި ދުނިޔެ އަށް ކުރާނެ އެވެ.

ދާދި ފަހުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ބުނީ ދުނިޔެ އޮތީ ރިސެޝަނެއްގެ ވިލާގަނޑެއްގެ ތެރޭގައި ކަމަށާއި މިކަމަށް މުޅި ދުނިޔެ ތައްޔާރުވާން ޖެހޭ ކަމަށެވެ.