Last Updated: June 29, 11:41
Monday, June 29, 2026
ކުޅިވަރު

ހިތަދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ފަށައިފި

ހިތަދޫ ފުޓްސަލް ދަނޑު ހެދުމަށް ބިން ސާފުކުރަނީ. ފޮޓޯ: އިބްރާހިމް ރަޝީދު ވަޖްދީ

ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކެޓްގެ ތެރެއިން ހިތަދޫގައި ގާއިމް ކުރުމަށް ނިންމާފައިވާ ފުޓްސަލް ދަނޑު ހެދުމަށް ބިން ސާފު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފި އެވެ.

އެމްއާރްޑީސީގެ ފަރާތުން އައްޑޫގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ރަޝީދު ވިދާޅުވީ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ތެރެއިން ހިތަދޫ ގައި ހަދާ ފުޓްސަލް ދަނޑު ހެދުމަށް ބޭނުންވާ ބިން ސާފު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި ހުޅުދޫ، މީދޫ އަދި މަރަދޫގެ ދަނޑު ހެދުމަށް ބޭނުންވާ ބިން ސާފު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހިތަދޫ ފުޓްސަލް ދަނޑު ހެދުމަށް ބިން ސާފުކުރަނީ. ފޮޓޯ: އިބްރާހިމް ރަޝީދު ވަޖްދީ
ހިތަދޫ ފުޓްސަލް ދަނޑު ހެދުމަށް ބިން ސާފުކުރަނީ. ފޮޓޯ: އިބްރާހިމް ރަޝީދު ވަޖްދީ

ހިތަދޫ ފުޓްސަލް ދަނޑު ހެދުމަށް ނިންމާފައިވަނީ ޔޫތު ސެންޓަރު ސަރަހައްދުގައެވެ. މަރަދޫ ފުޓްސަލް ދަނޑު ހަދަނީ ކުޑަކުދިންގެ ޕާކް ސަރަހައްދުގައެވެ. އަދި ހުޅުދޫ ފުޓްސަލް ދަނޑު އެރަށު ބަނދަރުމަތީގައި ހަދާއިރު މީދޫ ފުޓްސަލް ދަނޑު ހަދަނީ މީދޫ ސްޓޭޑިއަމް ތެރޭގައެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ އެމްއާރްޑީސީއާއި ހަވާލުކޮށްފައިވާ ހަތަރު ދަނޑުގެ މަަސައްކަތް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެކަމަށެވެ.

ހިތަދޫ ފުޓްސަލް ދަނޑު ހެދުމަށް ބިން ސާފުކުރަނީ. ފޮޓޯ: އިބްރާހިމް ރަޝީދު ވަޖްދީ
ހިތަދޫ ފުޓްސަލް ދަނޑު ހެދުމަށް ބިން ސާފުކުރަނީ. ފޮޓޯ: އިބްރާހިމް ރަޝީދު ވަޖްދީ

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުޓްސަލް ދަނޑު ހެދުމުގައި އެމްއާރްޑީސީއިން ކުރަން ހަމަޖެހިފައިވަނީ ބިން އެއްވަރުކޮށް ދަނޑު ހަދާ ސަރަހައްދު ކޮންކްރީޓްކޮށް، ދަނޑުގެ ވަށައިގެން ފެންސް ޖެހުމާއި، ލައިޓް ޖެހުމެވެ.