އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭން ކުރުމުގެ ހަރަކާތްތަކެއް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވ. އަތޮޅުގައި ފައްޓަވައިފި އެވެ.
މަހުލޫފާ އެކީ ވ. އަތޮޅު ކެމްޕޭން ދަތުރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ދެ ބޭފުޅުންނާ އެކީ ކެމްޕޭން ޓީމް ވ. އަތޮޅަށް ވަޑައިގަތީ ހެނދުނު އެވެ. ކެމްޕޭން ޓީމް މި ވަގުތު ތިބީ ވ. ފެލިދޫގަ އެވެ. ވ. އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރުގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކޮށް، ރައީސަށް ތާއީދު ހޯދުމަށް ސިޔާސީ އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
ވ.ފެލިދޫއިން ބޮޑު ތަފާތަކުން އިރާދަކުރެއްވިއްޔާ ރައީސް @ibusolih ކާމިޔާބުކުރައްވާނެ.
#MDPKuriah
#Ibu2023 pic.twitter.com/QQa1CzK7uv— MDP Kuriah (@MDPKuriah) January 11, 2023
ރައީސް އިއްޔެ މާލެ ވަޑައިގަތީ މި ހަފުތާ ތެރޭގައި ރ، ނ، ޅ އަދި ބ. އަތޮޅުގައި ކެމްޕޭން ކުރެއްވުމަށް ފަހު އެވެ. ރައީސް މާދަމާ ރަސްމީ ދަތުރެއްގައި އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ. އޭގައި ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވަ އެވެ.