Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ޓައިޓޭނިކް" އަލުން ސިނަމާތަކަށް ގެންނަނީ

މީގެ 25 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "ޓައިޓޭނިކް" އަންނަ މަހު އަލުން ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ފިލްމު އަލުން ސްކްރީނުގައި ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދެނީ އޭގެ ކާމިޔާބު ފާހަގަކުރުމާއި 4ކޭ 3ޑީ އަށް މާސްޓަރިން ހަދައި މި ޒަމާނުގެ ކޮލިޓީގައި އަލުން ފިލްމުގެ ހިތްގައިމުކަން ދައްކައިލުމުގެ ގޮތުންނެވެ. މި ވާހަކަ "ޓައިޓޭނިކް" ގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮން ވަނީ ފިލްމުގެ ޓްރެއިލާއަކާ އެކީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

ދެހާސް ބާރައިގައި ވެސް 3ޑީ ކޮށް ފިލްމު ސިނަމާތަކަށް ގެނަ އެވެ.

"ޓައިޓޭނިކް" އަކީ ނޮވެމްބަރު 1، 1997 ގައި ރިލީޒްކުރި ފިލްމެކެވެ. މި ފިލްމަކީ "ޓައިޓޭނިކް" ގެ ނަމުގައި ބަން ބޮޑު ކްރޫޒް ލައިނާއެއް އޭގެ ފުރަތަމަ ދަތުރަށް ނުކުމެ އުޅެނިކޮށް 1912 ގައި ބޮޑު ގަނޑުފެންގަނޑެއްގައި ޖެހި ބިންދައިގެން ގޮސް އެޓްލާންޓިކް ކަނޑަށް އަޑިއަށް ދިޔަ ހާދިސާގެ ތެރެއަށް ހިޔާލީ ލޯބީގެ ވާހަކައެއް ފައްތައިގެން ގެނެސްދިން ވަރަށް ރީތި، އެހާމެ ފުރިހަމަ ފިލްމެކެވެ. މީގެ ތަރިންނަކީ ފިލްމުން ވިދައިލި ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ކޭޓް ވިންސްލެޓެވެ.

މި ފިިލްމަކީ ބޮކްސް އޮފީހުގައި ރެކޯޑް އާމްދަނީއެއް ވެސް ހޯދި އެއްޗެކެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޓައިޓޭނިކް" އަށް 2.202 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ފިލްމު އަލުން ސިނަމާތަކަށް އަންނަ މަހުގެ 10 ގައި ގެންނަން ނިންމި އިރު، ކެމެރޮންގެ 2009 ގެ "އެވަޓާ" ގެ ސީކްއެލް "އެވަޓާ: ދަ ވޭ އޮފް ވޯޓާ" މިހާރު އަންނަނީ ބޮކްސް އޮފީހުގައި ރަސްކަންކުރަމުންނެވެ. މިދިޔަ މަހުގެ 16 ގައި ރިލީޒްކުރި ފިލްމަށް މިހާތަނަށް 1.731 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.