ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަރު އަންނަ އާދީއްތަ ދުވަހު ހުޅުވައިލަން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ގައުމީ އިނާމު ދިނުމުގެ އުސޫލަށް ގެނައި މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރުވިޔަސް ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކުރުމެވެ.
އަނެއް ބަދަލަކީ ކުރިން އުސޫލު އޮތް ގޮތުން ކުންފުނިތަކާއި ޖަމިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ، އެ ދެ ދާއިރާތަކުން ޚިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ގެންނަން ނިންމި
މީގެ އިތުރުން، މިހާރު އިނާމު ދޭ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރަން ވަނީ ނިންމައިފަ އެވެ. އެއީ ކަލިނަރީ އާޓްސް އާއި އިންޖިނިއަރިން ދާއިރާ އެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާޢަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި، ޚިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރުވެފައި ވުމުންނެވެ. އަދި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދިނުމުގައި، އެ ފަރާތަކުން ނުވަތަ ޖަމިއްޔާ ޖަމާޢަތަކުން ޤައުމަށާއި މުޖުތަމަޢަށް ފައިދާ ހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތްތަކަށާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީއިން ބަލާ ގޮތަށް ނިންމާފައިވެ އެވެ.
ހިތްވަރު ދިނުމުގެ އިނާމު ދެނީ އެ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ޚިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމިއްޔާ ޖަމާޢަތެއް ނަމަ މަދުވެގެން 10 އަހަރު ހިދުމަތް ކުރުމުންނެވެ.
މި އަހަރު ގައުމީ އިނާމު ދޭނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.