މާލޭގައި ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީި ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމާއި ތާޒާކުރުމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފަށައިފި އެވެ.
ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން، އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއެކު އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.
މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ޓެކްސީ ޚިދުމަތާ އަލަށް ގުޅޭ 212 މީހަކާއި މިހާރު ވެސް ޓެކްސީ ޚިދުމަތުގައި ތިބި 90 މީހަކު ބައިވެރިވެ އެވެ.
ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭ އިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.