Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

އެލްއޭސީ މެދުވެރިކޮށް 100 ވަޒީފާ އުފައްދަނީ

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު /ފޮޓޯ: އައްޑޫލައިވް

ކައުންސިލްގެ މިދައުރުގެ ތެރެއިން ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް 100 ވަޒީފާ އުފައްދަން މަސައްކަތް ކުރާނެ ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލުގެ ދަށުން ޤާއިމް ކުރާ ލޯކަލް އޮތޯރިޓީ ކުންފުނިއާއި ގުޅޭގޮތުން އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން މޭޔަރ އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ލޯކަލް އޮތޯރިޓީ ކުންފުނި ވަރަށް އަވަހަށް ޤާއިމް ވެގެން ދާނެ ކަމަށެވެ. އެގޮތުން މިކުންފުނީގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންދަން ނިންމާފައިވަނީ ހިތަދޫ ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތް ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާ / ފޮޓޯ: އައްޑޫލައިވް

ހިތަދޫގައި ޤާއިމް ކުރާ ގޭދޮށު މަސް ފެކްޓަރީގެ މަސައްކަތް މީގެ ކުރިން ބަޔަކާއި ހަވާލު ކުރެވުނު ނަމަވެސް އެ މަސައްކަތް ކުރިއަށް ގޮސްފައި ނުވެއެވެ. އޭގެ ފަހުން 4 ވަނަ ދައުރުގެ ކައުންސިލުން ވަނީ އެއްބަސްވުން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އޭގެ ފަހުންވެސް އެ މަސައްކަތް ހަވާލު ކުރަން ބެލި އިރު ލިއެކިއުންތަކުގައި މައްސަލަ ހުރުމުން މަޝްރޫޢު ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

ނަމަވެސް ދެން އެ މަޝްރޫޢު ކުރިއަށް ގެންދާނީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނިން ކަމަށް މޭޔަރ ވިދާޅުވިއެވެ. މިއާއެކު ވަޒީފާތައް ވެސް އުފެދޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

އަޅުގަނޑު މިހާރުވެސް ކައުންސިލަށް ހުށަހަޅަމުން މިދަނީ އަޅުގަނޑުމެންގެ ދައުރުގެ ތެރޭ ކުންފުނި މެދުވެރިކޮށް 100 އެއްހައި ވަޒީފާ މަދުވެގެން އުފައްދަންވާނެ ކަމަށް. މިމަސް ފެކްޓަރީއަށް ވެސް ހުސް ދިވެހިން ލައިގެން މަސައްކަތް ކުރަން މިވިސްނަނީ. އައްޑޫ ރައްޔިތުންނާއި އެކު މަސައްކަތް ކުރާނީ

ހިތަދޫ ގޭދޮށު މަސް ޕްލާން ހިންގާ ސަރަހައްދު / ފޮޓޯ: އައްޑޫލައިވް

މީގެ އިތުރުން ކައުންސިލުން ކުރަން ޖެހޭ ބައެއް މުހިންމުކަންކަންވެސް ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ކުންފުންޏެއް މެދުވެރިކޮށް ޙަރަދު ކުޑަކޮށް ވާން ހުންނަ ކަންކަންވެސް ނުވެ ހުންނަކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ، ޓެންޑަރ ހުޅުވާލާއިރު ބައެއް ފަހަރު ވަރަށް ބޮޑެތި އަގުތައް ލިބޭ ކަމަށެވެ.

މީގެ އިތުރުން އިތުރު ފަރާްތްތަކާއި ގުޅިގެން ވެވެން ހުންނަ ވިޔަފާރިތައްވެސް އެބަ ހުރި ކަމަށާއި، ޤާބުލު ކުރަނީ ކުންފުނި މެދުވެރިކޮށް މިފަދަ ކަންކަންވެސް ކުރެވޭނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިއަށްވެސް އާމާޒު ހުރި ކަމަށް މޭޔަރ ފާހަގަ ކުރެއްވިއެވެ.

އައްޑޫސިޓީ ކައުންސިލުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް މިހާރު ޑިރެކްޓަރުން ނެގުމަށް ވަނީ އިއުލާންކޮށްފައެވެ. މި ކުންފުންނީގެ ޑިރެކްޓަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށެވެ.