Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ލީގު ކަޕުން ސިޓީ ކަޓައިފި

ސައުތްހެމްޓަން އަތުން 2-0 އިން ބަލިވެ އިނގިރޭސި ލީގު ކަޕުން މެންޗެސްޓާ ސިޓީ ކަޓައިފި އެވެ.

މުބާރާތުގެ ސެމީގައި ސައުތްހެމްޓަން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓް އާއި މެންޗެސްޓާ ޔުނައިޓެޑެވެ. ސެމީގެ މެޗުތައް ކުޅޭނީ މި މަހުގެ ފަހުކޮޅު އެވެ.

ސައުތްހެމްޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ސިޓީން ނެރުނު ފުރަތަމަ އެގާރައިން އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކެވިން ޑި ބްރޭނާ އަދި އާލިންގް ހާލަންޑަށް ފުރުސަތު ދީފައެއް ނުވެ އެވެ.

ރޭގެ މެޗުގައި ސައުތްހެމްޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 23 ވަނަ މިނެޓްގައި ސެކޫ މާރާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ސައުތްހެމްޓަން އަށް ލީޑު ނަގާދީފަ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރެއަށް ތިރިންް ހުރަސްކޮށްލި ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.

ސައުތްހެމްޓަން އިން އޭގެ ފަސް މިނެޓްފަހުން އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކުރިއިރު މި ގޯލް އެޓީމަށް މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޫސާ ޖެނެޕޯ އެވެ. ޖެނެޕޯ މި ގޯލް ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ސިޓީން ޑިބްރޭނާ އާއި ހާލަންޑް ކުޅެން އެރުވި ނަމަވެސް ސައުތްހެމްޓަންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް އެޓީމަށް ވަނީ ނުވެފަ އެވެ. ރޭގެ މެޗުގައި ސިޓީ އަށް ސައުތްހެމްޓަންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލުން ނޮޓިންހަމް ފޮރެސްޓް ޖާގަ ހޯދީ ޕެނަލްޓީގައި 4-3 އިން ވުލްވްސް ބަލިކުރުމަށްފަހު އެވެ.