Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެސީގެ އެނބުރި އައުން ވެސް މޮޅަކުން

ފްރެންޗް ލީގުގައި ރޭ ލިއޮނަލް މެސީގެ ގޯލަކާއެކު ޕީއެސްޖީން 2-0 އިން އެންޖާސް ބަލިކޮށްފި އެވެ.

މިއީ ވޯލްޑް ކަޕަށްފަހު އާޖެންޓީނާގެ ތަރި، މެސީ ޕީއެސްޖީ އަށް ކުޅެދިން ފުރަތަމަ މެޗެވެ. ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމުގައި މެސީ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 5 ވަނަ މިނެޓްގައި ހޫގޯ އެކިޓިކޭ ވަނީ ޕީއެސްޖީ އަށް ލީޑު ނަގާދީފަ އެވެ. މި ގޯލް އޭނާ ކާމިޔާބުކުރީ ޕީއެސްޖީގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއް ފަހަރުމަތިން ފޮނުވާލައިގެންނެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ޕީއެސްޖީ އަށް ލިބުނު އިރު އެޓީމުގެ ދެވަނަ ގޯލް މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެސީ އެވެ. މެސީ ވަނީ މި ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 20 މެޗުގައި 13 ގޯލު ކާމިޔާބުކޮށްފަ އެވެ.

މި މޮޅާއެކު ޕީއެސްޖީ އެއްވަނައިގައި މިހާރު އޮތީ 18 މެޗުން ލިބުނު 47 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 41 ޕޮއިންޓާ އެކު އޮތީ ލެންސް އެވެ.