ފެމިލީ ކޯޓަށް މިދިޔަ މަހު ތެރޭގައި އެންމެ ގިނައިން ހުށަހެޅީ ވަރީގެ މައްސަލަތައް ކަމަށް އެ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ މަހު 94 ކައިވެންޏެއް ވަނީ ރޫޅާލާފައިފަ އެވެ. އެގޮތުން ޑިސެމްބަރު މަހުގެ ކުރިން ހުށަހެޅި މައްސަލަތަކާ އެކު އެ މަހުގެ ތެރޭގައި ވަރީގެ 120 މައްސަލައެއް ކޯޓުން ނިންމާފައިވެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެކަނި ވެސް 61 މީހަކު ވަރިވުމަށް އެދި ކޯޓަށް ހުށައެޅި އެވެ. އޭގެ ކުރިން ވަރިވާން އެދި ހުށައެޅި 84 މީހެއްގެ މައްސަލަ ދިޔައީ ކޯޓްގައި ހިނގަމުންނެވެ. އަހަރު ނިންމާލި އިރު އަދި ގޮތެއް ނިންމައި ނުދެވި 49 މައްސަލައެއް އެބައޮތް ކަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.
އެގޮތުން ވަރިއާ މެދު ޝައްކު އުފެދުނު ހަ ކައިވެންޏެއްގެ މައްސަލަ ކޯޓުން ބަލަމުން އަންނަ އިރު ކޯޓުން ބޭރުގައި ވަރިކޮށްގެން އެކަން ސާބިތުކުރުމުގެ މަރުހަލާގައި އޮތް މައްސަލަތަކުގެ އަދަދު 40 އަށް އަރަ އެވެ.
މިދިޔަ މަހު ކައިވެނި ކުރި މީހުންގެ އަދަދަކީ 309 ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.