Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ޔާމީންގެ ހުކުމް އިސްތިއުނާފު ލަސްވާތީ ކަންބޮޑުވުން

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމް އިސްތިއުނާފުކުރުން ލަސްވާތީ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުމް އިސްތިއުނާފު ކުރުން ލަސްވަނީ ސަރުކާރާއި ޖުޑިޝަރީން އެކަމަށް ހުރަސް އަޅައި ޖެއްސުންކޮށް ލިޔުންތައް ދޫނުކޮށްގެން ކަމަށެވެ.

"އިސްތިއުނާފު ކުރުން އެބަ ލަސްވޭ. ރިޔާސީ އިންތިހާބަށް ވަގުތެއް ނެތް،" އާދަމް ޝަރީފު ވިދާޅުވި އެވެ. "މިކަމާ ވެސް އިހުތިޖާޖުނުކޮށް ލިޔުންތައް ލިބޭނެ ކަމަކަށް ނުވިސްނޭ."

އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރިޔާސީ އިންތިހާބަށް ވަރަށް ފޯރީގައި ކެމްޕޭން ކުރެއްވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 25 ގަ އެވެ. އެކަމާ ގުޅިގެން ޕީޕީއެމާއި ޕީއެންސީން އެއީ ހަރާން ހުކުމެއް ބުނެ އަންނަނީ ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ސިލްސިލާކޮށް މާލޭގައި މުޒާހަރާކުރަމުންނެވެ.

ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހު އެވެ.