Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ރައީސަކީ ސިޔާސީ މުސާރަވެރިންކޮޅެއްގެ ދިރުން

އެމްޑީޕީގެ ޕްރައިމަރީ އަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު ސޯލިހަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދެމެދު މިއޮތް ހަތް ވަރަކަށް މަހަށް ސަރުކާރުގެ ސިޔާސީ މުސާރަވެރިންކޮޅެއްގެ ދިރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އޮތް އެންމެ ބޮޑު އުންމީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދަކީ ފިކުރެއްގެ ދިރުން ކަމަށް އިންތި ވިދާޅުވި އެވެ. ނަޝީދުގެ ކެމްޕޭންގެ ސްލޯގަން އަކީ ވެސް "ފިކުރެއްގެ ދިރުން" އެވެ.

ރައީސް ސޯލިހަކީ އެއްވެސް އުންމީދެއް ނެތް ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި ނަޝީދަށް އިންތި ތައުރީފު ކުރެއްވި އިރު، އޭނަ އަކީ ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މަޖިިލިސް މެމްބަރުންގެ ތެރެއިން އެންމެ އަޑުގަދަ އެކެކެވެ. އަދި އިންތި އަކީ ފަހަކަށް އައިސް ސަރުކާރާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ

އެގޮތުން މިދިޔަ އަހަރު އޭނަ އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރެއްވި އިރު، އެ އިންތިހާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށާއި ސަރުކާރަށް ރައްދުކޮށް ވަރަށް ގިނަ ތުހުމަތުތަކެއް ވެސް ކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭން ފޯރި މިހާރު ވަރަށް ގަދަވެފައިވާ އިރު، ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.