Last Updated: July 28, 18:24
Tuesday, July 28, 2026
މުނިފޫހިފިލުވުން

ރޯހިތުގެ ސީރީޒްގެ ޝޫޓިން ނިމުމާ ގާތަށް

ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ޕްރައިމް ވީޑިއޯ އަށް ހަދާ ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓިން މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށް ބުނެފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި މި ސީރީޒްގެ ފަހު ޝެޑިއުލް މި ވަގުތު ކުރިއަށް ދަނީ ހައިދަރުއާބާދުގަ އެވެ. ސެޓުން ނަގާފައިވާ ފޮޓޯއަކާ އެކީ ރޯހިތު އިންސްޓަގްރާމްގައި ބުނީ މިދިޔަ މަހު ރިލީޒްކުރި އޭނަގެ ފިލްމު "ސާކަސް" ފްލޮޕްވުމާއި ސީރީޒްގެ ޝޫޓިންގެ ތެރެއިން މިދިޔަ ހަފުތާގައި އަނިޔާއެއްވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުނަސް އޭނަ އާއި ޓީމް އޮތީ ގަދަކޮށް ކަމަށެވެ.

ރޯހިތު ބުނީ އޭނަގެ އާ ފީޗާ ފިލްމު "ސިންގަމް އެގެއިން" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތަކުގެ ކުރިން "އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓިން ނިންމައިލާނެ ކަމަށެވެ. މިއީ އޭނަގެ ކޮޕް ޔުނިވާސް އަށް އިތުރުވާ ބޮޅެކެވެ. ސީރީޒްގެ މައިގަނޑު ކާސްޓުންނަކީ ސިދާތު މަލްއުތުރާ އާއި ޝިލްޕާ ޝެޓީގެ އިތުރުން ވިވެކް އޮބެރޯއީ އެވެ.

ރޯހިތުގެ ކޮޕް ޔުނިވާސްގައި ހިމެނެނީ އަޖޭ ދޭވްގަންގެ "ސިންގަމް" އާއި ރަންވީރު ސިންގްގެ "ސިމްބާ" ގެ އިތުރުން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.

"ސިންގަމް އެގެއިން" އަކީ އެ ސީރީޒްގެ ތިން ވަނަ ފިލްމެވެ. މި ފަހަރު ފިލްމުގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ. ރޯހިތު މިދިޔަ ހަފުތާފައި ވަނީ އަޖޭ އާ ފިލްމުގެ ވާހަކަ ވެސް ނެރޭޓްކޮށް ދީފަ އެވެ.