ޖަޕާންގެ މަޝްހޫރު ޓެނިސް ތަރި ނައޯމީ އޮސާކާ މަޔަކަށްވާން އުޅޭކަން އިއުލާންކޮށްފި އެވެ.
ސޯޝަލް މީޑިއާގައި 25 އަހަރުގެ ނައޯމީ ބަލިވެއިން ވާހަކަ ހިއްސާކޮށް ބުނީ މި އަހަރަކީ އޭނަ އަށް ގިނަ ފިލާވަޅުތަކެއް ލިއްބައި ދޭނެ އަހަރަކަށް ވާނެ ކަމަށެވެ. އަދި އެންމެ ހާއްސަ ކަމަކަށް ވާނީ ދަރިއަކު ލިބި، ދަރިފުޅަށް ވެސް ދެން މަންމަގެ މެޗްތައް ބަލާލަން ލިބުން ކަމަށް ބުންޏެވެ.
ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ ނައޯމީ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކުރި އިރު، މީގެ ތިން ވަރަކަށް ދުވަސް ކުރިން އޭނަ ވަނީ މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގައި ވެސް ނުކުޅޭކަން އިއުލާންކޮށްފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން، ނައޯމީ އެއްވެސް މުބާރާތެއްގައި ނުކުޅެ އެވެ. އެކަމަކު އަންނަ އަހަރު ގަދަކޮށް ޓެނިހަށް އެނބުރި އަންނާނެ ކަމަށް ބުންޏެވެ.
ނައޯމީ މަޔަކަށްވާން އުޅޭކަން އެނގުމާ އެކީ ޓެނިސް ދުނިޔެ ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވެ އެވެ. އޭނަގެ ބައިވެރިޔަކީ އެމެރިކާ ރެޕާ ކޯޑޭ އަމާރީ ޑަންސްޓަން، 25، އެވެ.