ބޮލީވުޑްގެ ތަރި ކާތިކް އާރިއަން ފުރަތަމަ ފަހަރަށް އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "ޝެހެޒާދާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ 2020 ގެ "އާލަ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ. ހިންދީ ފިލްމު ޑައިރެކްޓްކުރީ އެކްޓަރު ވަރޫން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ. މިއީ އޭނަގެ ތިން ވަނަ ޑައިރެކްޝަނެވެ. ރޯހިތު ކުރިން ހެދި ފިލްމުތަކަކީ 2016 ގެ "ޑިޝޫމް" އާއި 2011 ގެ "ދޭސީ ބޯއިސް" އެވެ.
"ޝެހެޒާދާ" ގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ. އަދި މި ފިލްމަކީ އޭނަ އާއި ކާތިކް އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ 2019 ގެ "ލުކާ ޗުއްޕީ" އެވެ. "ޝެހެޒާދާ" ގެ ކާސްޓްގައި ޕަރޭޝް ރާވަލް، މަނީޝާ ކޮއިރަލާ، ރޯނިތު ރޯއި އަދި ރާޖްޕަލް ޔާދަވް ވެސް ހިމެނެ އެވެ.
މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ކާތިކް ހިއްސާވާކަން ޓްރެއިލާ އިން ކަށަވަރުކޮށް ދީފައިވެ އެވެ.