Last Updated: April 26, 20:24
Friday, April 26, 2024
ދުނިޔެ

އިރާންގެ ކުރީގެ މިނިސްޓަރަކަށް މަރުގެ ހުކުމް

އިނގިރޭސިވިލާތަށް ޖާސޫސްކޮށް ދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރި އިރާންގެ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަލީރިޒާ އަކްބަރީ އަށް މަރުގެ ހުކުމް އިއްވައިފި އެވެ.

އިނގިރޭސި ރަށްވެހިކަން ވެސް އޮންނަ އަކްބަރީ އިރާނުން ހައްޔަރުކުރީ 2019 ގަ އެވެ. އޭނަ އިނގިރޭސިވިލާތަށް ޖާސޫސްކޮށް ދިން ކަމަށް ތުހުމަތުކޮށް، ދައުވާ އުފުލައި މަރުގެ ހުކުމް އިއްވުމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ މަރުގެ ހުކުމް ތަންފީޒުނުކޮށް އަކްބަރީ މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.

އޭނަގެ މައްޗަށް އިއްވި މަރުގެ ހުކުމް އިސްތިއުފާނުކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

އިރާނުން ބުނެފައިވާ ގޮތުގައި އަކްބަރީ ވަނި އަންޑަކަވާ އޭޖެންޓެއްގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ސީކްރެޓް އިންޓެލިޖެންސް ސާވިސެސް، އެމް16 އަށް ޖާސޫސްކޮށްދީ، ގައުމުގެ ސަލާމަތާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތު އިނގިރޭސިވިލާތަށް ފޯރުކޮށް ދީފަ އެވެ.

އަކްބަރީ އަކީ ކުރިން އިރާންގެ ސްޓްރެޓިކް ރިސާޗް އިންސްޓިިޓިއުޓްގެ ވެސް ވެރިޔާ އެވެ. އަދި އޭނަ އަކީ އިރާނާއި އިރާގާ ދެމެދު ކުރި ހަނގުރާމަ ހުއްޓުވަން ކުރި މަސައްކަތުގައި ވެސް އިސް ރޯލެއް އަދާކުރި މީހެކެވެ.

އަކްބަރީ އަށް މަރުގެ ހުކުމް އިއްވި އިރު، އިރާނަކީ މަރުގެ ހުކުމް އެންމެ ގިނައިން ތަންފީޒުކުރާ ގައުމެވެ. އެ ގައުމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ވެސް ހަތަރު މީހެއްގެ މައްޗަށް ދާދި ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.