އަސްލު އޮޅޭގޮތަށް ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތި ލޭބަލް ނުކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެ އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް އެތެރެކުރާ ބިސްކޯދު ފަދަ ބައެއް ކާބޯތަކެތި، އެހެން އުފެއްދުމެއް ބަންދުކޮށް ވިއްކުމަށް ލޭބަލްކޮށްފައި ހުންނަ ޑަބިޔާ ފަދަ ކޮންޓެއިނަރުގައި އެތެރެކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން ވަކި އުފެއްދުމެއް ބަންދުކުރުމަށް ޚާއްޞަކޮށް ލޭބަލްކޮށްފައި ހުންނަ ކޮންޓެއިނަރުގައި އެހެން އުފެއްދުމެއް ބަންދުކުރުމަށްފަހު އެ ލޭބަލްގެ އިތުރުން ފަސޭހައިން ނެއްޓޭ ގޮތަށް އެހެން ލޭބަލެއް ހަރުކޮށްފައި ހުންނަ ކަމަށާއި ބަންދުކުރި ކާބޯތަކެތި މިގޮތަށް ލޭބަލްކުރުމަކީ އެ ބޭނުންކުރާ ފަރާތަށް އެތަކެތީގެ އަސްލު އޮޅުންއަރާފަދަ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮތްކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މިއީ އެފަދަ އުފެއްދުމެއްގައި މައްސަލަ ޖެހިއްޖެ ޙާލަތެއްގައި އެ އުފެއްދުމެއް ޓްރޭސް ކުރުމަށް އޮތް ފުރުޞަތު ގެއްލޭނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެތަކެތި ބަންދުކޮށް ލޭބަލްކުރުމުގައި އެއަށް ޚާއްޞަ ކޮންޓެއިނަރެއްގައި ބަންދުކޮށް ރަނގަޅަށް ލޭބަލް ކުރުމަކީ ވަރަށް މުހިއްމު ކަމަށާއި މިނޫންގޮތަށް ކާބޯތަކެތި ބަންދުކޮށް ލޭބަލްކުރުމަކީ އެ އޮތޯރިޓީގެ "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ޤައުމީ މިންގަނޑާއި ހިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއެފްޑީއޭ އިން ވަނީ އަސްލު ކޮންޓެއިނަރު ނޫން އެހެން ކޮންޓެއިނަރެއްގައި ބަންދުކޮށް ލޭބަލްކޮށްގެން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް 15 ފެބުރުވަރީ 2023 ގެ ފަހުން ހެލްތު ކްލިއަރެންސް ނުދޭނެ ކަމަށް ބުނެފަ އެވެ.