Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ފުރަތަމަ 10 ދުވަހު އެންމެ ގިނައީ ރަޝިއާ ޓޫރިސްޓުން

މިދޔަ އަހަރު ރާއްޖެއަށް އައި އެއްމިލިއަން ވަނަ ފަތުރުވެރިޔާ / ފޮޓޯ؛ އެމްއޭސީއެލް

އައު އަހަރުގެ ފުރަތަމަ 10 ދުވަހު އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އަދި އިޓަލީ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ފުރަތަމަ 10 ދުވަހު ރާއްޖެ 53،415 ފަތުރުވެރިން އައިސްފައިވެއެވެ. އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ޤައުމުން 9،671 ފަތުރުވެރިން އައި އިރު ޖުމްލަ މާކެޓް ޝެއަރގެ 18.1 އިންސައްތަ ހިއްސާ ކުރެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރު މޭކެޓް ޝެއާގެ ފަސްވަނައިގަ އޮތް އިޓަލީއިންނެވެ. އެ ޤައުމުން 7،119 ފަތުރުވެރިން ރާއްޖެވަނީ އައިސްފައެވެ.

އަހަރުގެ ފުރަތަމަ 10 ދުވަހު ބައިލައްކައަށް ވުރު ގިނަ ފަތުރުވެރިން އައިއިރު، މިއީ ފާއިތުވި 2 އަހަރު ދުވަހާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން 2021 ވަނަ އަހަރު 30،646 ފަތުރުވެރިން އައިއިރު، މިދިޔަ އަހަރު އައިސްފައިވަނީ 47،453 ފަތުރުވެރިންނެވެ.

މިއަހަރު އައި ފަތުރުރެވިން އެވްރޭޖްކޮށް ރާއްޖޭގައި ހަފްތައަކަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށް ތާފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާއިރު މިދިޔަ އަހަރު ނިންމާލީ 1.6 މިލިއަން ފަތުރުވެރިންނާއިއެކުއެވެ. އަދި މިއަހަރު ޗައިނާ މާކެޓް ހުޅުވުމާއި އެކު ފަތުރުވެރިކަން އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް ބެލެވެއެވެ.