Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޤަތަރުގައި ރާއްޖެ ޕްރޮމޯޓް ކުރަނީ

އެމްއެމްޕީއާރްސީ އާއި ކޮޒްމޯ ކުރިއަށް ގެންދާ ކެމްޕެއިން ---

ޤަތަރާއި މެދު އިރުމަތީގެ ސަރަހައްދުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ފަށައިފިއެވެ.

ކޮޒްމޯ ޓްރެވެލްއާއި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ އޮންލައިންކޮށްވެސް އަދި އޮފްލައިންކޮށްވެސް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މި ކެމްޕެއިން ކުރިއަށް ގެންދާނީ ޖެނުއަރީ އިން މާރިޗު މަހުގެ ނިޔަލަށެވެ. މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ މާހައުލު ފަތުރުވެރިންނަށް ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ތަފާތު ޕްރޮޑަކްޓުތައް ޕްރޮމޯޓު ކޮށްދޭނެއެވެ.

މިގޮތުން ކެމްޕެއިން ތެރެއިން، އެކުންފުނީގެ ވެބްސައިޓުންނާއި، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ރާއްޖޭ ޕްރޮމޯޓް ކުރާނެއެވެ. މީގެ އިތުރުން ޤަތަރު އަދި މެދުއިރުމަތީގެ ޤައުމުތަކުގެ އެކި ސަރަހައްދުތަކުގައި އެކުންފުނީގެ ރީޓެއިލް ސްޓޯރ ތަކުގެ ސްކްރީންތަކުން ރާއްޖެ އިސްތިހާރު ކުރާނެއެވެ. މިއާއެކު ކެމްޕެއިން ގާތްގަނޑަކަށް 1.1 މިލިއަން މީހުންނާއި ހަމައަށް ފޯރާނެ ކަމަށް އެމްއެމްޕީއާރްސީން ލަފާ ކުރެއެވެ.

އެމްއެމްޕީއާރްސީން ބުނީ ކޮޒްމޯއަކީ ކޯޕަރޭޓް އަދި ވަކިވަކި ދަތުރުވެރިންނަށް ގިނަ ރެޑީމޭޑު ޕެކޭޖުތައް އަދި ދަތުރުވެރިން ބޭނުންވާ ގޮތަށް ކަސްޓަމައިޒް ޕެކޭޖްތައް ވެސް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ. މގޮތުން މެދުއިރުމަތި އަދި އިންޑިއާގައި އެކުންފުނީގެ 73 ބްރާންޗެއް ޤާއިމް ކުރެވިފައިވާ ކަން އެމްއެމްޕީއާރްސީން ފާހަގަ ކުރެއެވެ.

މިދިޔަ އަހަރު ނިމުނުއިރު މެދު އިރުމަތިން ރާއްޖެއަށް 100،494 މީހުން އައިސްފައިވެއެވެ. މީގެ އިތުރުން ޤަތަރު މާކެޓުންވެސް 6،060 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.