ރައްޔިތުންގެ ފައިސާ އަށް ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބީއެމްއެލްގެ މެނޭޖްމަންޓަށް ގޮވާލައްވައިފި އެވެ.
ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ، ދިވެހިންގެ ވަރަށް ފޮނި އުންމީދުތަކަކާ ގުޅިފައިވާ ބޭންކެއް ކަމަށާއި މިއީ ދިވެހިންގެ ބޭންކް ކަމަށެވެ. އެގޮތުން ބޭންކުގެ އެންމެ އިސް ޒިންމާއަކަށްވާންޖެހޭނީ، ރައްޔިތުންގެ ހިތުގައި ބޭންކާމެދު އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ވިޔަފާރިވެރިންނާއި އަދި ޢާންމު ރައްޔިތުންވެސް، އެމީހުން ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ޙަވާލުކުރަނީ، ބޭންކާމެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ބޭންކުގައި އެންމެ އިސް ޒިންމާ." ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެ އަމާނާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް، މިހާރަށްވުރެވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން ރައީސް ވަނީ ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފަސޭހަ ލުއި ގޮތްތައް ހޯދައިދިނުމަށް ބޭންކުން މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑެންޓުންނަށް ފޮނުވާ ޓީ.ޓީ. ލިމިޓް ކުރުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެހެންކަމުން، ސެންޓްރަލް ބޭންކް، އެމް.އެމް.އޭ.އާއި، އަދި ބޭންކް އޮފް މޯލްޑިވްސް މިކަމާ ދޭތެރޭގައި ވިސްނަވައި، މި ދެންނެވި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަކީ، ބޭންކުގެ ޙިއްޞާދާރުންނާއި، ބޭންކުން ޚިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް." ރައީސް ވިދާޅުވި އެވެ.