Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

އިގުތިސާދަށް ބޭންކުން ބޮޑު ދިރުމެއް ގެނެސްދީފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ އިޤުތިޞާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އަށް 40 އަހަރު ފުރުމުގެ މުނާޞަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބީއެމްއެލްގެ ޢުމުރުން މި ހޭދަވި 40 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީ އަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ.

"ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އިޤްތިޞާދަށް މި ބޭންކުން ވަރަށް ބޮޑު ދިރުމެއް ގެނެސްދީފި. ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބަކީ، ފަތުރުވެރިކަމާއި މަސްވެރިކަން. އެ ދެ ތަނބުގެ މަތީގައި ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓި މި އޮންނަނީ، މި ބޭންކުގެ ހަކަތައާއި ފަންވަރުގެ ސަބަބުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އަމިއްލަ ބޭންކެއް އުފެދި، ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މަގުތައް ބޭންކުން ފަހިކޮށްދިނުމާއެކު، ދިވެހި މަސްވެރިކަމުގެ ޞިނާޢަތު ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ކަމަށެވެ. އެގޮތުން މަސްވެރިކަމަށް ޚާއްޞަކޮށްގެން ދޫކުރި ލޯނުތަކުގެ ސަބަބުން، މަސްއޮޑިފަހަރުގެ ފަށަންތައް 20 ން 25 ރިޔަނުން، 30 ން 40 ރިޔަނަށް ބަދަލުވެގެންދިޔަ އިރު ނިރޮޅު ލަކުޑީގެ ދޯނިފަހަރު ދޫކޮށް، ފައިބަރު އޮޑިފަހަރުގައި ރާއްޖެ އޮބާ ހިސާބަށް ބޮޑު ކަންނެއްޔަށް ނުކުންނަން ފެށި ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ފަތުރުވެރިކަމަށް ވެސް ހަމަ އެފަދަ އިންޤިލާބީ ބަދަލުތަކެއް ބޭންކުން ގެނެސްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ މާލީ އެކިއެކި ފުރުޞަތުތަކުގައި ވެސް ބޭންކުން އަދާކުރާ ދައުރާއި އަދި އިޖުތިމާޢީ ޒިންމާގެ ދަށުން، ބޭންކުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އަދި ސަރުކާރުގެ ހިލޭ އެހީގެ ސްކީމްތަކާއި ލޯނު ސްކީމްތައް ހިންގައި ބަލަހައްޓައިދެނީ ބީއެމްއެލް އިންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރޭގެ ޙަފްލާގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް ދެ ފައުންޑަރުންނަށާއި، އެބޭންކަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި ތިން ބޭފުޅަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފަ އެވެ.