Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ފުރަތަމަ މެޗުގައި ފެލިކްސް އަށް ރަތެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 2-1 އިން ޗެލްސީ ބަލިވިއިރު އެ ޓީމަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ޖާއޯ ފެލިކްސް އަށް ރަތް ކާޑު ދައްކައިފި އެވެ.

މިދިޔަ ބުދަ ދުވަހު އެތްލެޓިކޯ މެޑްރިޑުން ލޯނެއްގެ ދަށުން ޗެލްސީ އަށް ބަދަލުވި އުމުރުން 23 އަހަރުގެ ފެލިކްސް އަށް މެޗުގެ 58 ވަނަ މިނިޓްގައި ސީދާ ރަތް ކާޑު ދެއްކީ ޓެޓޭ އަށް ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުންނެވެ. މި މެޗުގައި ދެއްކި ރަތްކާޑު ސަބަބުން ލީގުގައި ޗެލްސީން ދެން ކުޅޭ ތިން މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓްގައި ޗެލްސީ އަށް ކުރިން ކުޅުނު ވިލިއަން ވަނީ ފުލަމް އަށް ލީޑު ނަގާދީފަ އެވެ. ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ވިލިއަން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޗެލްސީގެ ޑިފެންޑަރު ޓްރެވާ ޗަލޯބާގެ ފައިގައި ޖެހިފަ އެވެ.

ފުލަމް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ކަލިދޫ ކުލިބާލީ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފަ އެވެ. ފެލިކްސް އަށް ދެއްކި ރަތްކާޑާ އެކު 10 ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ޗެލްސީ ކޮޅަށް ފުލަމް އިން ދެވަނަ ގޯލް ޖެހީ މެޗުގެ 73 ވަނަ މިނެޓްގަ އެވެ. ފުލަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން ފުލަމް އަށް ލީޑު ނަގައިދިނީ ކާލޯސް ވިނީޝަސް އެވެ.

މިއީ 16 އަހަރަށް ފަހު ފުލަމް އިން ޗެލްސީ ބަލިކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ލީގުގައި އެންމެފަހުން ކުޅުނު 9 މެޗުގެ ތެރެއިން ޗެލްސީ އަށް ހޯދިފައިވަނީ އެންމެ މޮޅެއްކަން ފާހަގަކޮށްލެވެ އެވެ.