އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ރޯލަކަށް ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރްވާލާ ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި އެކްޝަން ކޮމެޑީގައި ތިން ބަތަލާ އެކު ހިމެނެ އެވެ. އެގޮތުން ފިލްމަށް ޖާންވީ ކަޕޫރާއި 2017 ގެ މިސް ވޯލްޑް މަނުޝީ ޗިލާރް ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. އެކަމަކު އެކަން ފިލްމުގެ ޓީމުން މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޝޫޓިން މި މަހުގެ 17 ގައި ފަށާ އިރު، ކާސްޓަށް މިހާރު ވަނީ އަލާޔާ އިތުރުވެފަ އެވެ. ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅުގެ އެންމެ ފަހު ފިލްމަކީ މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ކާތިކް އާރިއަންގެ ސައިކޮލޮޖިކަލް ތުރިލާ "ފްރެޑީ" އެވެ. އަލާޔާ، 25، ބޮލީވުޑަށް ނުކުތީ ސައިފް އަލީ ޚާންގެ 2020 ގެ "ޖަވާނި ޖާނެމަން" އިންނެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އަލީގެ ފިލްމުގައި އަލާޔާ ކުޅޭނީ ޓައިގާގެ ލޯބިވެރިޔާގެ ރޯލެވެ.
"ބަޅޭ މިޔާ ޗޯޓޭ މިޔާ" އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ފިލްމު ކުންފުނި، ޕޫޖާ އެންޓަޓައިންމަންޓުން ބޮޑު ބަޖެޓަކުން ހަދާ ވަރުގަދަ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަލީ ބުނި ގޮތުގައި މި މަހު ފިލްމުގެ ޝޫޓިން ފެށުމަށް އަންނަ އެޕްރީލް މަސް ނިމުމުގެ ކުރިން ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާނެ އެވެ.
އޭނަ އަކީ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އަދި "ބާރަތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އަލީގެ ކުރިއަށް އޮތް ފިލްމަކީ ޝާހިދު ކަޕޫރް ލީޑް ކުޅެފައިވާ "ބްލަޑީ ޑެޑީ" އެވެ.