ޕޮޕް ލަވައިގެ ކުރީގެ ރަސްގެފާނު މައިކަލް ޖެކްސަނާ ކައިވެނިކުރި އެމެރިކާގެ ލަވަކިޔުންތެރިޔާ ލީސާ މާރީ ޕްރެސްލީ މަރުވެއްޖެ އެވެ.
އޭނަގެ އާއިލާއާ ހަވާލާދީ މީޑިއާތަކުން ކުރީގެ މަޝްހޫރު މިއުޒިކް ލެޖެންޑް އެލްވިސް ޕްރިސްލީގެ ދަރިފުޅު އުމުރުން 54 އަހަރުގައި އިއްޔެ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ލީސާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
އާއިލާ އަށް ލިބުނު މި ހިތާމައާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ލީސާގެ ކުއްލި ވަކިވުމަކީ މުޅި އާއިލާ އަށް ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާ އަށް ޕްރައިވެސީ ވެސް ވަރަށް މުހިއްމު ކަމަށެވެ.
ލީސާ މަރުވި އިރު އޭނަ އަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން ދޮށީ ފިރިހެން ދަރިފުޅު ބެންޖަމިން ކިއޯ، 28، ވަނީ 2020 ގައި އަމިއްލަ އަށް މަރުވެފަ އެވެ. ލީސާގެ އެހެން ކުދިންނަކީ ރައިލީ ކިއޯ، 33، އާއި ފިންލީ އާރޮން ލަވް ލޮކްވުޑް، 14، އިތުރުން ހާޕާ ވިވިއެން އޭން ލޮކްވުޑް، 14، އެވެ.
ލީސާ ކައިވެނިކުރި މީހުންގެ ތެރެއިން އޭނަގެ ކުދިންގެ ބައްޕައިންނަކީ މައިކަލް ލޮކްވުޑާއި ޑެނީ ކިއޯ އެވެ. ލީސާ ކައިވެނިކުރި މީހުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ނިކޮލަސް ކޭޖް ވެސް ހިމެނެ އެވެ. ލީސާ ކައިވެނިކުރި މައިކަލް ޖެކްސަން ވަނީ 2009 ގައި މަރުވެފަ އެވެ.
ލީސާ އަކީ އެލްވިސް އަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ރޮކް އެންޑް ރޯލް މިއުޒިކްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި އެލްވިސް ވަނީ 1997 ގައި މަރުވެފަ އެވެ.