Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ހޯދި ފަންޑުން މިސްކިތްތަކުގެ މަރާމާތު ފަށައިފި

މާލޭގެ މިސްކިތްތައް ކުރިއަށް އޮތް ރޯދަ މަހަށް މަރާމާތުކުރަން ބޭނުންވާ ފައިސާ ހޯދަން މާލެ ސިޓީ ކައުންސިލުން މީގެ ހަފުތާއެއް ކުރިން "ޗާލު މިސްކިތް" ނަމުގައި ހިންގި ހަރަކާތުން ލިބުނު ފައިސާ އިން ހޭދަކޮށްގެން މިސްކިތްތައް މަރާމާތުކުރަން ފަށައިފި އެވެ.

އެ ފަންޑުން އެންމެ ފުރަތަމަ މަރާމާތުކުރަން ފެށީ އާ ސަހަރާ މިސްކިތެވެ. އެގޮތުން އެ މިސްކިތުގެ ފެންޑާ ބައިގެ ފުރާޅުގެ ޓިނުތައް ބަދަލު ކުރުމުގެ މަސައްކަތާއި މިސްކިތުގައި ހުރި ރެނދުތައް ބައްދައި އަލުން ކުލަ ލުމަށް ކުލަ ކެހުމުގެ އިތުރުން ފާހަނަ ބަރި ކުރިމަތީ ތަޅުން އެޅުމުގެ މަސައްކަތް މި ހަފުތާގައި ފަށާފައިވެ އެވެ.

"ޗާލު މިސްކިތް" ފަންޑަށް ފައިސާ ހޯދަން މިދިޔަ ހަފުތާގެ ހުކުރާއި ހޮނިހިރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ޖުމްލަ 744،713.90 ރުފިޔާ ކައުންސިލަށް ވަނީ ލިބިފައިވެ އެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް މަދުވެގެން 9 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެކަމަކު މިސްކިތްތަކުގެ މަރާމާތަށް ސަރުކާރުން އެކަށީގެންވާ ބަޖެޓެއް ނުދޭ ކަމަށް ބުންޏެވެ.

އަދި ފަންޑް ހޯދަން ހަރަކާތްތަކެއް ހިންގަން ނިންމީ އެ ސަބަބާ ހުރެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފައިސާ ދީފައިވާނެ ކަމަށް ބުނެ، ކައުންސިލުން ފައިސާ ހޯދަން ހަރަކާތްތަކެއް ހިންގުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ

މާލެ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގެ 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.