Last Updated: April 20, 17:01
Saturday, April 20, 2024
ދުނިޔެ

ސިރިސޭނާ ބަދަލު ދޭން ޖެހިއްޖެ

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ސްރީ ލަންކާގައި އީސްޓަ ސަންޑޭގައި ދިން ހަމަލާއާ ގުޅިގެން ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ބޮޑު ބަދަލެއް ދޭން ޖެހިއްޖެ އެވެ.

އެޕްރީލް 21، 2019 ގައި ފައްޅިތަކަކާއި ހޮޓާތަކަކަށް ހަމަލާދީ 350 އެއްހާ މީހުން މަރާލި ހާދިސާއާ ގުޅިގެން ބަދަލު ހޯދަން އާއިލާތަކުން ސިރިސޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން ބަދަލުގެ ގޮތުގައި 100 މިލިއަން ރުޕީސް ދޭން ސިރިސޭނާގެ މައްޗަށް ލަންކާގެ ސްޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

އޭނަގެ މައްޗަށް މި ހުކުމް އައީ ގައުމުގެ ހަމަލާގެ މައުލޫމާތު ކުރިން ސަރުކާރަށް ލިބުނު ނަމަވެސް، އެކަމާ ދެކޮޅަށް ރައީސްގެ ހައިސިއްޔަތުންނާއި އޭރުގެ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެވެ.

ޖާސޫސީ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހަމަލާ ދިނުމުގެ 17 ދުވަސް ކުރިން އިންޑިއާގެ އިންޓަލިޖެންސުން އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމަށް ލަންކާ ސަރުކާރަށް އަންގާއިފައިވެ އެވެ. އަދި ހަމަލާއާ ގުޅިގެން އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހެއްގެ ފަރާތުން އިންޑިއާގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތު ސިރިސޭނާ އަށް ވެސް ފޯރުކޮށް ދީފައިވެ އެވެ.

ސިރިސޭނާގެ އިތުރުން ސަލާމަތީ ބާރުތަކުގައި އޭރު އިސްކޮށް މަސައްކަތްކުރެއްވި ބަޔަކު ވެސް ބަދަލު ދޭން ހުކުމްކޮށްފައިވެ އެވެ. އެގޮތުން އޭރު ފުލުހުންގެ އިނިސްޕެކްޓަ ޖެނެރަލް (އައިޖީޕީ) ގެ މަގާމުގައި ހުރި ޕުޖިތު ޖަޔަސަންދްރަ 75 މިލިއަން ރުޕީސް، އޭރުގެ ޑިފެންސް ސެކްރެޓަރީ ހެމާސްރީ ފެނާންޑޯ 50 މިލިއަން ރުޕީސް އަދި ނެޝަނަލް އިންޓެލިޖެންސްގެ ވެރިޔާ ސިސިރާ މެންޑިސް އާއި ސްޓޭޓް އިންޓެލިޖެންސްގެ ވެރިޔާ ނިލަންތާ ޖަޔަވަރުދަނާ މިއިން ކޮންމެ މީހަކު 10 މިލިއަން ރުޕީސް ދޭން ހުކުމްކޮށްފައިވެ އެވެ.