މާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ބުނީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވީ ލ. ކުނަހަންދޫ ކަރަންކާގޭ މުޙައްމަދު ރަޝީދު، 36، ކަމަށެވެ.
އޭނަ މަރުވީ ރޭގެ ވަގުތެއްގައި ހުންގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށް ފަހު، ހާލަތު ދެރަވާތީ ރޭ 10:00 އެހާކަށްހާ އިރު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.ވެނާ މަރުވީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަންސް ބުންޏެވެ.
މިމަހުގެ 8 ވަނަ ދުވަހު މާލެޖަލަށް ހުކުމް ތަންފީޒުކުރުމަށް ގެނައި ގައިދީއެއް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ https://t.co/ZtCVac6Tyq pic.twitter.com/YxXQKzzztS
— Maldives Correctional Service (@CorrectionsMv) January 13, 2023
އެތަނުން ބުނީ ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެއް ކަމަށެވެ. އޭނަ މި މަހުގެ 8 ވަނަ ދުވަހު ޖަލަށް ގެންދިއުމުން ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައި ނުވާކަމަށާއި ރަޝީދަކީ އެއްވެސް ބައްޔަކަށް ފަރުވާ ވެސް ހޯދަމުން ދިޔަ މީހެއް ވެސް ނޫން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.