Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

މި އަހަރު އަލަށް 9 ރިސޯޓް ހުޅުވާނެ

މި އަހަރު އަލަށް ރާއްޖޭގައި ނުވަ ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކެއް ކަމެއް މިނިސްޓްރީއަކުން ހާމައެއްނުކުރެ އެވެ. އެކަމަކު މި އަހަރު ހުޅުވަން ހަމަޖެހިފައިވާ ރިސޯޓްތަކުގެ ތެރޭގައި އެޕްރީލް މަހު ހުޅުވަން ހަމަޖެހިފައިވާ އަމާރީ ރާޔާ މޯލްޑިވްސް އާއި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވަން ނިންމާފައިވާ މައިނާ ހޮޓެލްސް އިން ބ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ މަޝްހޫރު އަވާނީ ބްރޭންޑްގެ ރިސޯޓެއް ހިމެނެ އެވެ.

އަމާރީ ރާޔާ އަށް މުވައްޒަފުން ހޯދަން ބާއްވާ އޯޕަން ޑޭއެއް އަންނަ އާދީއްތަ ދުވަހު މާލޭގެ ހޮޓެލް ޖެންގައި އޮންނާނެ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި އަލަށް ފަސް ރިސޯޓެއް ހުޅުވި އެވެ. އެއީ ރ. އަލީލާ ކޮތައިފަރު މޯލްޑިވްސް އާއި ކ. އާނުގަނޑު އައިލެންޑް ރިސޯޓާއި ކ. ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓު އެންޑް ސްޕާ އާއި ކ. އޯގާ އާޓް ރިސޯޓްގެ އިތުރުން މ. މަޑިފުށި ފްރައިވެޓް އައިލެންޑެވެ.

ރާއްޖޭގައި މިހާރު 168 ރިސޯޓް ހިންގަމުން އަންނަ އިރު، އެތަންތަނުގެ ބެޑް ކެޕޭސިޓީ އަކީ 41،049 އެވެ.

ރާއްޖޭން މި އަހަރު މަދުވެގެން 1.8 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވެ އެވެ. މިދިޔަ އަހަރު 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަ އެވެ.