Last Updated: July 16, 17:14
Thursday, July 16, 2026
ކުޅިވަރު

ނަޕޯލީ އަށް 10 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަތުން 5-1 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީން 10 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ނަޕޯލީގެ ސްޓޭޑިއޯ މަރާޑޯނާގައި ކުޅުނު މެޗުގެ 14 ވަނަ މިނެޓްގައި ނަޕޯލީގެ ނައިޖީރިއާގެ ފޯވަޑް ވިކްޓާ އޮސީމެން ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 39 ވަނަ މިނެޓްގައި އެޓީމުގެ ވިންގާ ކިވިޗާ ކްވަރަޝެލިއާ ނަޕޯލީގެ ލީޑު ފުޅާކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންހެލް ޑިމަރިޔާ ވަނީ ޔުވެންޓަސް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

ނަމަވެސް މެޗުގެ 55 ވަނަ މިނެޓްގައި ރަހްމާނީ ނަޕޯލީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މެޗުގެ 65 ވަނަ މިނެޓްގައި އޮސީމެން ނަޕޯލީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މިއީ އޭނާ މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 12 ވަނަ ގޯލެވެ. ނަޕޯލީގެ ފަހު ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލްމާސް އެވެ.

މިއީ 1993 ވަނަ އަހަރަށްފަހު އިޓާލިއަން ލީގުގެ މެޗެއްގައި ޔުވެންޓަސް ކޮޅަށް 5 ގޯލު ވަތް ފުރަތަމަ މެޗެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ނަޕޯލީ އޮތީ 18 މެޗުން ލިބުނު 47 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 37 ޕޮއިންޓާ އެކު އޭސީ މިލާން އޮތްއިރު ތިންވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ޔުވެންޓަސް އެވެ.