އައްޑޫ ފޭދޫގައި އަޅަން ނިންމާފައިވާ އާ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީއާ ބިން ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މިނިސްޓްރީއާ ބިން ހަވާލުކުރީ ފޭދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރަން ރޭ އެ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތިގަ އެވެ. އެ ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
— Ministry of Education (@MoEdumv) January 13, 2023
ފޭދޫ ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރަން އެ އަވަށުން ހިއްކާފައިވާ ބިމުގައި އިމާރާތްކުރަން ހަމަޖެހިފައިވާ އާ ސްކޫލްގެ ބިމުގެ ރަމްޒީ ލިޔުމާ ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. ކައުންސިލްގެ ފަރާތުން ލިޔުން ހަވާލުކޮށް ދެއްވީ މޭޔަރެވެ.
— Ministry of Education (@MoEdumv) January 13, 2023
ފޭދޫގައި އާ ސްކޫލެއް އަޅަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރައީސް ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ. އެ ސްކޫލް އަޅާނެ ބިން މިދިޔަ އަހަރު ފާސްކުރި ފޭދޫގެ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް ހިމަނާފައިވެ އެވެ. ސްކޫލް އަޅަން ހަވާލުކުރީ 74،907 އަކަފޫޓްގެ ބިމެކެވެ. އަދި އެ ސްކޫލަށް މި އަހަރުގެ ބަޖެޓްގައި ފައިސާ ވެސް ހިމަނާފައިވެ އެވެ.
President @ibusolih attended the special ceremony to celebrate the golden jubilee of Feydhoo School in Addu City. pic.twitter.com/jVYfArloho
— The President's Office (@presidencymv) January 13, 2023
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އާ ސްކޫލް ވާނީ،އެއް ދަންފަޅިއަށް ކިޔަވައިދެވޭނެ ވަޞީލަތްތަކާ އެކީ އިމާރާތް ތަރައްޤީކުރާ ޒަމާނީ ސްކޫލަކަށް ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިސްކޫލަކީ ޖާގަ ތަނަވަސް ސްކޫލަކަށް ވާނެ. ވޯކްޝޮޕްތަކާއި އިތުރު ހަރަކާތްތަކާއި، ނާސްތާ މާލަމާއި ކުޅިވަރާއި ގަސްހެއްދުން ފަދަ ހަރާކާތްތައް ހިންގޭނެ ގޮތަށް އެ ސްކޫލް ޑިޒައިންކޮށްފައި ވަނީ." މިނިސްޓަރު ވިދާޅުވި އެވެ.
ފޭދޫ ސްކޫލަކީ އެ އަވަށުގައު ހުރި ހަމައެކަނި ސްކޫލެވެ. އެތަނުގައި މިހާރު 581 ދަރިވަރުން ކިޔަވަމުން ދެ އެވެ.