Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ޝަންގްރިއްލާ މައްސަލައިގެ ހައްލު ގުޅުވީ ރައްޔިތުންނާ

އައްޑޫ ރައްޔިތުން ބޭނުންވާ ނަމަ ޝަންގްރިއްލާ ވިލިގިލި ރިސޯޓްގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޔެ އައްޑު އަށް ވަޑައިގެން ފޭދޫ ބަނދަރުމަތީގައި ސަޕޯޓަރުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ 2020 ގައި ކޮވިޑާ ދިމާކޮށް ބަންދުކުރި ގޮތަށް މިހާތަނަށް އަލުން ނުހުޅުވި އޮތް ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނެވެން އޮތީ ވެސް ޝަންގްގްރިއްލާގެ ހިއްސާ ދޫކޮށްލައިގެންނެވެ.

ޝަންގްރިއްލާގައި ސަރުކާރުގެ 30 ޕަސެންޓް އޮވެ އެވެ. އަދި މި ހިއްސާ ދޫކޮށްލުމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވެ އެވެ.

އެގޮތުން ޓޫރިޒަމް ގާނޫނަށް ވަނީ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑަށް ގަނެވޭ ގޮތަށް މަގުފަހި ކުރުމަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ރައީސް އިއްޔެ ވިދާޅުވީ ކުރިން ސަރުކާރާއެކީ ޖޮއިންޓް ވެންޗާއެއް ހަދައިގެން ޝަންގްރިއްލާ ހިންގަމުން އައި ނަމަވެސް އެ ތަނަށް ވާނުވާއެއް އެއްވެސް ސަރުކާރަކުން ނުބަލާ ކަމަށެވެ. ނަމަވެސް 2020 ގައި ރިސޯޓުގެ އޮޕަރޭޝަން ހުއްޓުމުން، އެ ތަން އަލުން ހުޅުވަން މި ސަރުކާރުން ބެލިއިރު ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވަމުންދާކަން ފާހަގަވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިއްސާ ދޫކޮށްލާ ކަމަށް ވަންޏާ ހަތްދިގަ މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ. އެއްވެސް ސަރުކާރަކުން ނެތް މި އަށް ބަލާފައި. ކުންފުނި ހިންގާފައި ސްޓޭޓްމަންޓްތައް އެބަހުރި ސަރުކާރަށް ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ. "އެފަދަ ޖޮއިންޓް ވެންޗާއެއްގައި ސަރުކާރުގެ ހިއްސާއެއް އޮވެގެން ވިޔަފާރިއެއް ނުކުރެވޭނެ. އެހެންވެ ޝަންގްރިއްލާ ހުޅުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު މިހާރު ގެނެސްފައި."

ރައީސް ވިދާޅުވީ ހިއްސާ ދޫކޮށްލަން ބެލިއިރުގައި ވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި ކަމަށެވެ.

"އެހެން ގޮސް ސަރުކާރުގެ ހިއްސާއަކީ ކިހާވަރެއްތޯ ބެލިއިރުގައި އެ އޮތީ ނެގެޓިވް. އަޅުގަނޑުމެން ހިއްސާ ދޫކޮށްލާ ކަމަށް ވަންޏާ 70 މިލިއަން ޑޮލަރު އެބަ ދައްކަން ޖެހޭ،" ރައީސް ވިދާޅުވި އެވެ. "އެއްވެސް ސަރުކާރަކުން ނެތް މި އަށް ބަލާފައި. ކުންފުނި ހިންގާފައި ސްޓޭޓްމަންޓްތައް އެބަހުރި ސަރުކާރަށް ހުށަހަޅާފައި."

އެ މަނިކުފާނު ވިދާޅުވީ ޝަންގްރިލާ ވިލިގިލި ރިސޯޓްގެ ކަންކަން މިހާރު އޮތް ގޮތަށް ބަލާ އިރު، ހެދެން އޮތް ހަމައެކަނި ގޮތަކީ ކުންފުނީގެ ދަރަންޏާއި ހިއްސާއާ އަޅާ ކަނޑައި އެތަން ދޫކޮށްލުމެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަމުގައި ވަންޏާ އަޅުގަނޑުމެން މި ތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލާފައި އެ ކަން ކުރެވޭނެ ގޮތެއް ހޯދަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެން އޮންނާނީ މިހާތަނަށް އެ ކަން ނުކުރި ބަޔަކު ހޯދައި ފިޔަވަޅު އެޅުން ކަމަށާއި އައްޑޫ ރައްޔިތުން ބޭނުން ނަމަ ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލައި، އިހުމާލުވީ ބަޔަކު ހޯދައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގައި ހިމެނޭ ޝަންގްރިއްލާ އަކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. އަދި އެއީ އައްޑޫގައި ހުޅުވި ދެވަނަ ރިސޯޓެވެ. އެތަން ކޮވިޑާ ހެދި ބަންދުކުރި ގޮތަށް އަލުން އޮޕަރޭޝަނަށް ނުގެނެވި އޮތުމަކީ އައްޑޫގެ އިގުތިސާދަށް އޮތް ބޮޑު ގެއްލުމެކެވެ. އަދި މިއީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ވެސް މެ އެވެ.