Last Updated: June 29, 11:41
Monday, June 29, 2026
ޚަބަރު

"ލިސްޓަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް"

ފޭދޫ ހައުސިން ޔުނިޓްތައް. ފޮޓޯ: އައްޑޫލައިވް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ހައުސިން މިނިސްޓްރީއިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން އިން ބުނީ އެންމެ ފަހުން ފްލެޓްތަކަށް ހުޅުވާލި ފުރުސަތުގައި 116 ފަރާތުން ފޯމް ހުށަހަޅާފައިވާ އިރު ޝަކުވާ ހުށަހެޅުމަށް ދިން ފުރުސަތުގައި ހުށަހަޅާފައިވަނީ އެންމެ ހަ ޝަކުވާ ކަމަށެވެ.

އަދި ފޭދޫ އޮފީސް މެދުވެރިކޮށް ފްލެޓްތައް ވަރަށް އަވަހަށް ހަވާލު ކުރުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ފޯމް ތަކުގެ ތެރެއިން ދެ ފަރާތަަކަށް ގުރުއަތަކާ ނުލައި ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުރުއަތަށް ހޮވޭނީ 35 ޕޮއިންޓަށް ވުރެ މަތިން ލިބޭ ފަރާތްތައް ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އިމާރާތް ކުރި ފޭދޫ ހައުސިން ޔުނިޓްތަކަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު އެތަނުން ބައެއް ފްލެޓްތަކަށް ބޮޑެތި މަރާމާތު ބޭނުންވާ އިރު ބައެއް ތަންތަން ވަނީ ފަޅާލައި ވައްކަން ކޮށްފައެވެ.

ކުރިން އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ފޭދޫ ހައުސިން ޔުނިޓްތައް ދޫކުރަން މަސައްކަތް ކުރި ނަމަވެސް، އެކަން މިހާތަނަށް ނުވެ، ގިނަ ބައެއްގެ ޝަކުވާތައް ވެސް ލިބިފައިވާތީ މިކަން މިހާރު ކުރިއަށް ގެންދާނީ ސީދާ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ޑިސެމްބަރު 6، 2013 ގައި އެންމެ ފުރަތަމަ ކުރި އެ އިއުލާނާ ގުޅިގެން 327 މީހަކު ކުރިމަތިލައިގެން ގުރުއަތަށް ހޮވިފައި ވަނީ 315 ފަރާތެކެވެ.

އެހެން ނަމަވެސް މިނިސްޓްރީންވަނީ އެހުރިހާ ފޯމް ތަކެއް ބާޠިލް ކޮށް އަލުން ކުރިމަތި ލުމަށް ހުޅުވާލާފައެވެ. އަދި ފްލެޓްތަކުގެ ކުލި އާއި ޑައުން ޕޭމަންޓަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ޑައުންޕޭމަންޓަކަށް 19،000ރ. ދައްކަން ޖެހޭ އިރު، މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 3،000ރ. އެވެ.