އައްޑޫގެ ފޭދޫގެ ތާރީހުގައި ވެސް ރަށުގެ ކުރިމަގަށްޓަކައި ފޭދޫ ރައްޔިތުން ޤާއިމުކުރި އެންމެ ބޮޑު އިންވެސްޓްމަންޓަކީ ސްކޫލެއް ގާއިމުކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފޭދޫ ސްކޫލަށް މިދިޔަ އަހަރު 50 އަހަރު ފުރިފައިވާތީ އެކަން ފާހަގަކުރަން އެ ސްކޫލްގައި ރޭ ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި ރައީސް ވިދާޅުވީ ސްކޫލެއް ހިންގުމަށް ރަށުގެ ރައްޔިތުން އެހާ ބޮޑު ސަމާލުކަމެއް ދިނީ، ހަމަ އެންމެ ބޭނުމެއްގައި ކަމަށެވެ، އެއީ ފޭދޫގައި ތަޢުލީމީ ދަރިންތަކެއް އުފައްދައި ރަނގަޅު މުޖުތަމަޢެއް ބިނާކޮށް، މި ރަށާއި އަތޮޅުގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފޭދޫގެ މުޅި ތާރީހުގައި ވެސް، މި ރަށުގެ ކުރިމަގަށްޓަކައި ފޭދޫ ރައްޔިތުން ގާއިމުކުރި އެންމެ ބޮޑު އިންވެސްޓްމަންޓަކީ، މި ރަށުގައި ސްކޫލެއް ގާއިމުކޮށް، ދަރިންނަށް ކިޔަވައި ދޭން ފެށުން." ރައީސް ވިދާޅުވި އެވެ.
President @ibusolih attended the special ceremony to celebrate the golden jubilee of Feydhoo School in Addu City. pic.twitter.com/jVYfArloho
— The President's Office (@presidencymv) January 13, 2023
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ފޭދޫ ސްކޫލަށް 50 އަހަރު ފުރުނު އިރު، އެ ސްކޫލްގެ ޙަޔާތުން އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައި ވަނީ، ފޭދޫގެ ލޮބުވެތި ރައްޔިތުންގެ ބެލެނިވެރިކަމުގެ ދަށުގައި ކަމަށެވެ. އެގޮތުން ސަރުކާރުގައި ރަޖިސްޓްރީކުރުމުގެ ކުރިން ވެސް ދިހަ ބާރަ ވަރަކަށް އަހަރު ވަންދެން، ފޭދޫ ސްކޫލްގެ ހުރިހާ ކަމެއް ބެލެހެއްޓީ ފޭދޫގެ ވިޔަފާރިވެރިންނާއި ވެރިންނާއި ރައްޔިތުން ކަމަށް ވިދާޅުވި އެވެ. އަދި އެތަން ސަރުކާރުގެ ސްކޫލަކަށް ބަދަލުވީ ވެސް، ރައްޔިތުންގެ މަދަރުސާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަތާ 20 އަހަރު ފަހުން ކަމަށް ވިދާޅުވި އެވެ.
"ދަރިންނަށް ކިޔަވައި ދިނުމަށް ރައްޔިތުން އޭރު އޮހޮރި ދަލާއި އުފުއްލެވި ބުރައިގެ ފޮނި ނަތީޖާ މިއަދު މުޅި އައްޑު އަށް ވެސް އެބަ ލިބޭ. ފޭދު އަށް ބެލިޔަސް، މި ޖީލުގެ ގާތްގަނޑަކަށް ހުރިހާ ބޭފުޅުންނަކީ ވެސް، ފޭދޫ ސްކޫލުން ތަޢުލީމް ޙާޞިލުކުރެއްވި ބޭފުޅުން،" ރައީސް ވިދާޅުވި އެވެ. "މި ރަށުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ، އެ ބޭފުޅުންގެ ތަޢުލީމީ ޙަޔާތުގެ ކޮންމެވެސް މަރުޙަލާއެއް، މި ސްކޫލްގައި ކަޑައްތު ކުރެއްވި ބޭފުޅުން."
އެ މަނިކުފާ ވިދާޅުވީ ރާއްޖޭގެ ރަސްމީ ތަޢުލީމުގެ ތާރީހަށް ބަލާ އިރު، 1980 ގެ އަހަރުތައް ފެށިގެން އައިއިރު ވެސް، މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ވެސް، ކުދިންނަށް ކިޔަވައިދެމުން އައީ، ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހިންގި އެދުރުގެތަކާއި މަކްތަބުތަކާއި މަދަރުސާތަކުގައި ކަމަށެވެ. އަދި ފޭދޫ މަދަރުސާއަކީ ވެސް، 1992 ވަނަ އަހަރާ ޖެހެންދެން، ރަށުގެ ރައްޔިތުންގެ މިންނެތް މަސައްކަތުން ހިންގި މަދަރުސާއެއް ކަމަށް ވިދާޅުވި އެވެ.
— The President's Office (@presidencymv) January 13, 2023
"މިއީ އިނގިރޭސި ސިފައިން ގަމަށް އައުމުގެ ވެސް މާ ކުރީގެ ސްކޫލެއް. މި ސްކޫލްގެ ތާރީޚުން އެނގެނީ، މި އަތޮޅުގައި އަދި މި ރަށުގައި ތަޢުލީމުގެ އަލިކަން ފެތުރުމަށް، މި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ކުރި ބުރަ މަސައްކަތް." ރައީސް ވިދާޅުވި އެވެ.
ފޭދޫ ސްކޫލަކީ އެ އަވަށުގައި ހުރި ހަމައެކަނި ސްކޫލެވެ. އެތަނުގައި މިހާރު 581 ދަރިވަރުން ކިޔަވަމުން އަންނަ އިރު، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ ޒަމާނި އާ ސްކޫލެއް ފޭދޫގައި އިމާރާތްކުރަން ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެގޮތުން ރޭ ވަނީ އެކަމަށް ކަނޑައެޅި ބިން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ.