Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(މެއި 20، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އެ ވަރަށް އޭނާގެ ސިކުނޑި ތާޒާވެއްޖެ އެވެ. މިހާރު އޭނާގެ ފޮތުގެ ފެށުން ފުރިހަމަ ކުރެވިދާނެ އެވެ. އޭނާ ކުރިން ލިޔުނު ފެށުން ފަހަރުގައި މުޅިން ތަފާތު ވެސް ވެދާނެ އެވެ. އޭނާ އެހެން ދިޔަ ޓެކްސީއެއް މަޑު ކުރުވި އެވެ. މިހާރު އޭނާ ފައި މަގުގައި އުޅޭތާ ވެސް ތިން ގަޑިއިރު ވީ އެވެ.

އެހެން ނޫނަސް މިހާރު މާ އަނދިރި ވެސް ވެއްޖެ އެވެ. އޭނާ ދާން ވާތަން ޑްރައިވަރު ކައިރީ ބުނެލަމުން ފަހަތު ސީޓްގައި ހަމަޖެހިލި އެވެ.

އޭނާ ލޯމަަރާލާފައި މާޒީގެ ފުން ކަނޑަށް ޢަރަޤުވެގެން ދިޔަ އެވެ. ހީނާ ހަޤީޤަތުގައި ލަންކާ އަށް އައީ ވެސް އޭނާ ދޫކޮށްލި ގެ ދެކިލުމަށެވެ. އެ ހަނދާންތައް ތާޒާކޮށްލުމަށެވެ. އެކަން އެންމެ ފުރަތަމަ ދުވަހު ފުރިހަމަވީތީ އޭނާ ހަމަޖެހުމުގެ ނޭވާއެއްލި އެވެ.

ރާމިޒާ އެކު އޭނާ ލަންކާގައި އުޅުނު އިރު ކަންތައްތައް ވަރަށް ތަފާތެވެ. އޭނާ އުލްފަތާ އެކު އައިސް އެގެ ވިއްކާލި އިރު ވެސް ކަންތައްތައް ތަފާތެވެ. އެކަމަކު ބުނަން ނޭނގޭ ކަންތައް ތަކެއް ހިނގަމުން ދިޔަ އެވެ. އޭނާ އެ ގެ ދޫކޮށްލީ، ދޫކޮށްލާ ހިތަކުން ނޫނެވެ.

އެކަމަކު އެގެ ހުރެގެން ވެސް ލިބޭ ހިތި ހަނދާންތަކެއް ފިޔަވައި އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ލަންކާގެ މަސައްކަތް ނިންމާލާފައި ކުދިންނާއި އޭނާ ރާއްޖެ އަށް އައުމަށް ފަހު ލަންކާ އަށް ދާނެ އެއްވެސް މަޤުސަދެއް، ބޭނުމެއް އޭނާގެ ނެތެވެ.

ހީނާގެ ޙަޔާތުގެ އެ ފަލްސަފާ އެއިރު އޮތީ ގޮތަކަށް ނިމިފަ އެވެ. ޒަމާނެއްގައި އޭނާ މަސައްކަތާ ހެދި ނޭވާ ނުލެވިގެން އުޅުނަސް މިއަދު އޭނާ އަށް ވަރަށް ވަގުތު އޮވެ އެެވެ.

ބޭނުން ކަމެއް ކުރަން ވަގުތު ލިބިފައި އެބަ އޮތެވެ. ފަނަރަ އަހަރު ފަހުން ވެސް މިތަނަށް އައުމުން ތާޒާވެގެން މި ދިޔައީ ވަޅުޖެހިފަވާ އޭނާގެ ހަނދާންތަކެވެ. ލޯ މަރައިގެން އިންގޮތަށް އިނދެ ހީނާ ވިސްނަމުން ދިޔަ އެވެ. '
އޭނާ އިން ކާރު ޓަނަލެއްގެ ދަށުން ބާރަށް ދުއްވަމުން ގޮސް ޓްރެފިކް ޒޯނެއްގައި މަޑުކުރަން ޖެހުނެވެ. އެވަގުތު ޑްރައިވަރު ހީނާ އަށް ބަލާލި އެވެ

.

"މެޑަމް މަޑުކޮށްލިޔަސް އެންމެ ރަނގަޅުތޯ؟" ޑްރައިވަރު އަހާލިއެވެ.

އެންމެ ރަނގަޅޭ ބުނާހެން ހީނާ ބޯ ޖަހާލި އެވެ. އޭނާ ކޮންމެހެން އަވަސް އަރުވާލާފައި ދާނެ ވަކި ތަނެއް ނެތެވެ. ޓްރެފިކް މަދުވުމުން ކުރިޔަށް ދިޔަޔަސް ވާނީ އެއްގޮތެވެ.
އެހެން ނޫނަސް އޭނާ އިނީ ވަރަށް ވަރުބަލިވެފަ އެވެ. ވީމާ ކޮންމެހެން އަވަސް އަރުވާލައިގެން ކާރުގައި ތަޅުވަމުން ދާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ.
ހީމޭންކަމާ އެކު ދެވުނީމާ ނިމުނީ އެވެ. އޭނާ ޙިޔާލުކޮށްފައިވާ ގޮތުން މިރޭ އޭނާ ރޭގަނޑުގެ ކެއުން ވެސް ނަގާނީ ކޮޓަރީގަ އެވެ.

ބޭރަށްދާ ވަރަށް ވުރެ އޭނާ މާ ވަރުބަލިހެން ހީނާ އަށް އިޙްސާސް ވި އެވެ. ކޮޓަރީގައި ވާ ކޮންމެ ވަގުތަކު އޭނާ އަށް އޭނާގެ ފޮތުގެ މަސައްކަތް ވެސް ކުރެވޭނެ އެވެ.

ކާރު މަޑުމަޑުން ކުރިއަށް ދާން ފެށި އެވެ. ހީނާ ލޯ ހުޅުވާޅި އެވެ. އަނެއްކާވެސް ކާރު ހުއްޓާލަން ޖެހުނެވެ. އެ ގަޑިއަކީ އެ ހިސާބުގައި ވެސް އެންމެ ގިނަ ދުއްވާތަކެތި ތިބި ހިސާބުހެން ހީވެ އެވެ. ކޮންމެ ބަޔަކު ވެސް އަވަހަށް ގެއަށް ދާން ބޭނުންވެގެން އަންނަ ވަގުތަކީ ވެސް ހަވީރުގެ މި ވަގުތެވެ.

އޭނާ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ޖެހިގެން އިން ކާރުގެ އެތެރެއަށް ބަލާލި އެވެ. ސަކަ މިޒާޖެއްގެ ދެ ފިރިހެން ކުދިން މަޖާ ކުރަމުން ބާރަށް ކާރުގެ ބަރުގޮނު އަޅަމުން ދިޔަ އެވެ. އެކަމަކު ވެސް ކުރިއަށް ދެވޭނީ ކުރީގައި ތިބި ކާރުތަކަށް ދެވުނީމާ ނޫން ހެއްޔެވެ؟

މުޅި ތަނުގަ އަޑުހިއްޕާލާފައި ހުރީ އެކި ކާރުތަކުން ޖައްސާ ބަރުގޮނުގެ އަޑުތަކެވެ. އެހެން ކާރަކުން މީހަކު ބޯ ދިއްކޮށްފައި އެ މީހުންނާ ދިމާއަށް ހަޅޭއްލެވި އެވެ. ކަންފަތަށް އުނދަގޫވާތީ އެެވެ. ހީނާ މިކަމާ ހިނި ވެސް އައިސްފައި އިނެވެ. މިއީ ކުރީގައި އޭނާ ވެސް އުޅުނު ގޮތެވެ.

އެހެން މީހުންނަށް އުނދަގޫވާހެން އޭނާގެ ކާރުގެ ބަރުގޮނު އެޅި ދުވަސްތައް އޭނާގެ ހަނދާނަށް އަ އެވެ. އޭނާގެ އެކުވެރިންނާ އެކު ދަމުން ހަމައެހެން އޭނާ ވެސް ހެދި އެވެ. އެހެން މީހުންނަށް އުނދަގޫ ކުރުމަކީ އޭރު ލިބޭ މަޖާކަމެކެވެ. އެހެންވެ ބާރަށް ބަރުގޮނު އަޅާ އެމީހުން މަޖާކޮށް ސަކަރާތް ޖަހަ އެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލުމަށް ފަހު އެތަނުން އެއް ކާރެއްގެ މީހަކު ނިކުމެ ކާރުތަކުގެ ތެރެއިން ރޮމުން ދުވަން ފެށި އެވެ. ހީނާ ވެސް މި ފެނުނު ހައިރާން ކުރުވަނިވި މަންޒަރު ބަލަން އިނެވެ.
ހީވަނީ ފިލްމެއްގެ ޝޫޓިންއެއް ހެންނެވެ. ދުވަމުން ދުވަމުން ދިޔަ މީހާ ޓަނަލް ތެރެއަށް ގެއްލުނެވެ. މާ ދުރަށް ދެވުނީ ކަންނޭނގެ އެވެ.

އޭނާ ބަލަން އިންދާ ސަކަރާތް ޖަހަމުން ދިޔަ ކުދިން ތިބި ކާރު ތެރެއިން އަލިފާން ނިކުތެވެ. ހީނާ އަވަހަށް އޭނާ އިން ކާރުން ފުންމާލަން ވިސްނި އެވެ. އެކަމަކު ކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނާގެ ކާރުގެ ދޮރުތައް ފުނޑުފުނޑު ވެގެން ފައިބަން ފެށި އެވެ.

އޭނާއަށް ފެނުނުހާ ވެސް އެއްޗަކީ އޭނާގެ ވަށައިގެންވާ އަލިފާނެވެ. އެ ހުރިހާ ކަމެއް ހީވީ ބިރުވެރި ހުވަފެނެއްހެންނެވެ. އެއްބައި ކާރުތައް މައްޗަށް އަރަމުންދާތީ ވެސް އޭނާ އަށް ފެނުނެވެ. މަޑުމަޑުން ހުރިހާ އެއްޗެއް އޭނާގެ ލޯމަތިން ގެއްލެމުން ގޮސް އެއްކޮށް ގެއްލިގެން ދިޔަ އެވެ. ހީނާ އަށް ލޯ މެރުނީ ކޮންފަދަ ގަޑިޔެއްގައި ބާވަ އެވެ؟ ކޮންމެ ހިނދުކޮޅަކީ ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ ވަގުތު ކޮޅެކެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.