ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ރަށްރަށަށް ވަޑައިގަތުމުން މަސްލަހަތު ނަގާލަން ޕީޕީއެމްގެ ސަޕޯޓަރުން މަސައްކަތްކުރަނީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާގި ދީގެން ކަމަށް ފޭދޫ ދާއިރާގެ މަލިޖިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އާއިލާއާ މިހާރު މަގުމަތިން ދިމާކުރާ ކަމަށް ބުނެ އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕެއްގެ ސްކްރީ ޝޮޓަކާ އެކީ ފައްޔާޒް އިއްޔެ ކުރެއްވި ޓްވީޓަކާ ގުޅިގެން ނިހާދު ވިދާޅުވީ ނަޝީދަށް ތާއީދު ނުކުރާތީ މަގުމަތިން ފޮށުމާއި ބިރު ދެއްކުން އިތުރުވަމުންދާ ކަމަށެވެ.
"އިދިކޮޅު ޕީޕީއެމް މީހުންނަށް ވުރެ ގޯސްވީމަ ދެރަ. ރައީސް ސޯލިހު ވަޑައިގަންނަވާ ރަށްރަށުގައި ޕީޕީއެމަށް ސަޕޯޓް ދީގެން މަސްލަހަތު ނަގާލަން މަސައްކަތްކުރާކަމުގެ ހެކި މިއަދު ފެނުނު. ވަރަށް ލަދުވެތި." އޭނާ ވިދާޅުވި އެވެ.
RN ah thaaeedh nukuraathee magu mathin foshumaai biru dhekkun dhanee ithuru vamun! Idhikolhu PPM meehunah thuren goas veema Dhera! Raees Solih vadaigannavaa rah rashugai PPM ah support dheegen maslahathu nagaalan Masakkaih Kuraa Kamuge heki miadhu fenunu! Varah Ladhuvethi!
— Feydhoo Meehaa (Mohamed Nihad) (@nihad_m) January 13, 2023
ރައީސް ސޯލިހް އައްޑު އަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިއްޔެ ހަވީރު ފޭދޫގައި އެ މަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ. އަދި އެކަން ފުލުހުން ހުއްޓުވަން މަސައްކަތްކުރި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާ އިރު، އޭގައި ވާދަކުރައްވާ ރައީސާއި ނަޝީދުގެ މެދުގައި އޮތް ވާދަވެރިކަން މިހާރު ވަރަށް ބޮޑެވެ.
ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.
ރައީސް މިހާރު ޕްރައިމަރީ އަށް އައްޑޫގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، މި މަހުގެ 23 ގައި ނަޝީދު ވެސް ކެމްޕޭނަށް އައްޑު އަށް ވަޑައިގަންނަވާނެ އެވެ.