Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ކެންސަރު ޖެހުނީމަ ބޭނުންވީ މަރު: ސަންޖޭ

މީގެ ދެ އަހަރު ކުރިން ފުއްޕާމާގެ ކެންސަރު ޖެހުމުން އެންމެ ފުރަތަމަ ފަރުވާ ހޯދަން ބޭނުން ނުވި ކަމަށާއި ބޭނުންވީ މަރު ކަމަށް ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ބުނެފި އެވެ.

ދެހާސް ވިހީގެ މެދު ތެރޭގައި ކެންސަރު ޖެހި އަދި އެ ބައްޔަށް ފަރުވާ ހޯތަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ބަލިން އެއްކޮށް ފަސޭހަވި 63 އަހަރުގެ އެކްޓަރަކީ މިހާރު ކެންސަރަށް ހޭލުންތެރިކަން އުފައްދަން ވަރަށް ބޮޑަށް މަސައްކަތްކުރާ މީހެކެވެ. މިދިޔަ ހަފުތާގައި އޮތް އެފަދަ އިވެންޓެއްގައި ސަންޖޭ ބުނީ ކެންސަރުގެ ޝިކާރައަކަށްވިކަން އެނގުމުން ހިތް ހަލާކުވި ކަމަށެވެ. އަދި އެކަމާ ގުޅިގެން ފަރުވާ އަށް ވުރެ ބޮޑަށް ވިސްނުނީ މަރާ ދޭތެރޭގައި ކަމަށް ބުންޏެވެ.

ސަންޖޭ ބުނީ މަރަށް އެދެވުނީ އޭނަގެ އާއިލާގެ ތެރޭގައި ވެސް ކެންސަރުގެ ރެކޯޑެއް އޮތުމުން ކަމަށެވެ. އެގޮތުން މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ނަރްގިސް 1981 ގައި މަރުވީ ބަނޑުގެ ކެންސަރުގަ އެވެ. އަދި ސަންޖޭގެ އަލަތު އަންހެނުން ރިޗާ ޝަރުމާ، ފުރަތަމަ ދަރިފުޅު ޓްރިޝަލާ ދަތު، ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ 1996 ގައި މަރުވީ ސިކުނޑީގެ ކެންސަރުގަ އެވެ.

ސަންޖޭ ބުނީ އޭނަ ފަރުވާ ހޯދައި ބަލިން ސަލާމަތްވާން އާއިލާގެ ސަޕޯޓް ނުލިބުނު ނަމަ ފަރުވާއާ ދޭތެރޭ ސީރިއަސްކޮށް ނުވިސްނީސް ކަމަށެވެ.

"ބަލީގެ ޝިކާރައަކަށް އަހަރެންވީ އިރު އަންހެނުންނާއި ކުދިން ތިބީ ދުބާއީގައި. އެ މީހުން ތިބީ ކޮވިޑާ ހެދި އޭރު އެނބުރި އިންޑިއާ އަށް އާދެވޭނެ ގޮތެއް ނެތި ތާށިވެފައި. ދެން ހަގީގަތުގައި ވަރަށް ބޮޑު ހިތްދަތި ކަމަކަށްވީ. އެހެންވެ ހިތަށް އެރީ މި ބަލީގައި އަހަރެން ވެސް މަރުވިއްޔާ މާ ރަނގަޅޭ،" ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ދަތުގެ ދަރިފުޅު ބުންޏެވެ. "އާއިލާ އަކީ ވެސް ކެންސަރުގެ ރެކޯޑް އޮތް އާއިލާއެއް."

ސަންޖޭ ބުނި ގޮތުގައި އެ ހިތްދަތި އަދި އެހާމެ އުނދަގޫ ވަގުތުގައި އޭނައާ އެންމެ ގާތުގައި ހުރީ ދެ އަންހެން ކޮއްކޮއިންގެ ތެރެއިން ޕްރިޔާ ދަތެވެ. އަދި ފަރުވާ ހޯދަމުން ފަހުން އަންހެނުން މާންޔަތާއި ދަތާއި އެއްމާބަނޑު ދެ ކުދިންގެ ގާތަށް ދުބާއީ ވެސް ސަންޖޭ ދިޔަ އެވެ. ސަންޖޭ އަށް 2020 ގެ އޮގަސްޓްގއި ކެންސަރު ޖެހި ބަލިން ފަސޭހަވީ އެ އަހަރުގެ އޮކްޓޯބަރުގަ އެވެ.

"ބަލިން ސަލާމަތްވާން ކުރި ހިތްވަރަކީ އާއިލާގެ ސަޕޯޓް." ސަންޖޭ ބުންޏެވެ.

އޭނާ ބުނީ ކެންސަރާ މެދު ފަރުވާތެރިވާން ޖެހޭ ކަމަށާއި އެގޮތުން އެންމެން ވެސް ދުޅަހެޔޮ ލައިސްޓައިލަކަށް މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.