Last Updated: April 18, 16:21
Thursday, April 18, 2024
ދުނިޔެ

ކުރީގެ މިނިސްޓަރަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އިނގިރޭސިވިލާތަށް ޖާސޫސްކޮށް ދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރި އިރާންގެ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު އަލީރިޒާ އަކްބަރީ އަށް މިދިޔަ ހަފުތާގެ ފަހުކޮޅު އިއްވި މަރުގެ ހުކުމް މިއަދު ތަންފީޒުކޮށްފި އެވެ.

އިރާންގެ ދައުލަތުގެ މީޑިއާ އިން ވެސް އެކަން މިއަދު ކަށަވަރުކޮށް ދީފައިވެ އެވެ.

އަކްބަރީ، 58، ގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ އޭނާ ދޫކޮށްލުމަށް އާއިލާއިންނާއި އިނގިރޭސިވިލާތުގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ގޮވާލަމުން ދަނިކޮށެވެ. އަކްބަރީ އަށް މަރުގެ ހުކުމް ތަންފީޒުކުރި އިރު، އޭނައާ އެންމެ ފަހު ފަހަރަށް ބައްދަލުކުރުމަށް އާއިލާ އަށް މިދިޔަ ބުދަ ދުވަހު އެންގި ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. ބުދަ ދުވަހަކީ އަކްބަރީ އަށް އިއްވި މަރުގެ ހުކުމް އިރާންގެ ސުޕްރީމު ކޯޓުން ދެމެހެއްޓި ދުވަހެވެ.

އިނގިރޭސި ރަށްވެހިކަން ވެސް އޮންނަ އަކްބަރީ އިރާނުން ހައްޔަރުކުރީ 2019 ގަ އެވެ. އިރާނުން ބުނެފައިވާ ގޮތުގައި އަކްބަރީ ވަނި އަންޑަކަވާ އޭޖެންޓެއްގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ސީކްރެޓް އިންޓެލިޖެންސް ސާވިސެސް، އެމް16 އަށް ޖާސޫސްކޮށްދީ، ގައުމުގެ ސަލާމަތާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތު އިނގިރޭސިވިލާތަށް ފޯރުކޮށް ދީފަ އެވެ.

އަކްބަރީ އަކީ ކުރިން އިރާންގެ ސްޓްރެޓިކް ރިސާޗް އިންސްޓިިޓިއުޓްގެ ވެސް ވެރިޔާ އެވެ. އަދި އޭނަ އަކީ އިރާނާއި އިރާގާ ދެމެދު ކުރި ހަނގުރާމަ ހުއްޓުވަން ކުރި މަސައްކަތުގައި ވެސް އިސް ރޯލެއް އަދާކުރި މީހެކެވެ.