Last Updated: April 18, 18:36
Thursday, April 18, 2024
ވިޔަފާރި

ބޮޑު ޔޮޓް 2026 ގައި ދަތުރުތަކަށް

ދުނިޔޭގެ އެންމެ ބޮޑު ޔޮޓް 2026 ގައި ދަތުރުތަކަށް ނުކުންނާނެކަން އިއުލާންކޮށްފި އެވެ.

މިއީ ބޮޑު މިނުގައި 220 މީޓަރު ހުންނާނެ އެއްޗެކެވެ. ފްރެންޗް ރިވޭރިއާގެ ރަންޒަމާނުން އިންސްޕަޔާވެގެން ފަރުމާކޮށްފައިވާ "އޮރިއެންޓް އެކްސްޕްރެސް ސައިލޭންސީސް" އަކީ ރޭލުގެ ހިދުމަތްދޭ 140 އަހަރުވީ ބެލްޖިއަމްގެ ކުންފުނި އޮރިއެންޓް އެކްސްޕްރެސްގެ ތައްގަނޑުގައި ބަންނަ އެއްޗެކެވެ.

މީގައި 120 މީހުންގެ ޖާގަ އެކުލެވޭނެ އެވެ. އެގޮތުން ޔޮޓްގައި އެންމެ މަތީ ފެންވަރުގެ 54 ސުއީޓްސް ހިމެނޭނެ އެވެ. އޭގެ ތެރޭގައި 1،415 އަކަފޫޓްގެ ޕްރެޒިޑެންޝަލް ސުއީޓެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން "އޮރިއެންޓް އެކްސްޕްރެސް ސައިލޭންސީސް" ގައި ދެ ޕޫލާއި ދެ ރެސްޓޯރަންޓާއި ބާއެއް ވެސް ހިމެނޭނެ އެވެ.

މީގެ އެތެރެ ޑިޒައިންކުރީ ފްރާންސްގެ އާކިޓެކްޓް މެކްސިމީ ޑިއެންޖިއަކެވެ. ޔޮޓްގެ ބޭރު ޑިޒައިންކުރީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ސްޓާލިން ޑިޒައިން އިންޓަނޭޝަނަލް އިންނެވެ.

"އޮރިއެންޓް އެކްސްޕްރެސް ސައިލޭންސީސް" އާ ބެހޭ ގޮތުން އެ ބަންނަ ކުންފުނި އެކޯގެ ޗެއާމަން އަދި ސީއީއޯ ސެބަސްޓީން ބެޒިން ވިދާޅުވީ މި ޔޮޓަކީ ޔޮޓް ދަތުރުގެ ތާރީހު ބަދަލުކޮށްލާނެ ވަރަށް ފުރިހަމަ އެއްޗަކަށް ވާނެ ކަމަށެވެ. އަދިމީގެ ސަބަބުން އޮރިއެންޓް އެކްސްޕްރެސްގެ ކާމިޔާބީއާ އާ ބޮޅެއް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

"އޮރިއެންޓް އެކްސްޕްރެސް ސައިލޭންސީ އަކީ ޔޮޓް ދަތުރުތަކަށް ބޮޑު އިންގިލާބެއް ގެންނާނެ އެއްޗެއް." ސެބަސްޓީން ވިދާޅުވި އެވެ.

މީގެ ދަތުރުތައް ފަށަން ތާވަލުކޮށްފައި އޮތީ 2026 ގެ ބަހާރު މޫސުމުގެ ތެރޭގަ އެވެ.

މި ވަގުތު ދުނިޔޭގެ އެންމެ ބޮޑު ޔޮޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ދަތުރުތަކަށް ނުކުތް ރިޒް ކާލްޓަންގެ 190 މީޓަރުގެ އަދި 298 މީހުންގެ "އެވްރިމާ" އެވެ. މިދިޔަ އަހަރު ފޯ ސީޒަންސް އިން ވަނީ 207 މީޓަރުގެ ޔޮޓެއް 2025 ގައި ދަތުރުތަކަށް ނެރެން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.