Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އިންތިހާބު ކާމިޔާބު ވާނީ ކޯލިޝަނެއްގެ އެހީގައި

އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށް ވިޔަސް އެ ޕާޓީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި މިހާރު އެމްޑީޕީ އަށް ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް ހިތަދޫ ދެކުނު ދެކުނު ދާއިރާގެ ސަޕޯޓަރުންނާއި ކެމްޕޭން ޓީމާ އެކީ މިއަދު ބޭއްވި ބައްދަލުމުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަން ބައިވެރިންގެ މުހިއްމިކަން ވެސް ބޮޑު ކަމަށެވެ.

ސަރުކާރުގެ މިހާރުގެ ކޯލިޝަނުގައި ހިމެނެނީ އަދާލަތާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރްއެމެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އެއާ އެކީ ދެން އޮތީ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވެސް ގިނަ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ އަކީ އެންމެ ބޮޑު ޕާޓީއެއް ކަމަށް ވިއަސް އަދިވެސް ރާއްޖޭގެ ސިޔާސީ މަސްރަހު މިއޮތް ގޮތުން އިންތިހާބެއް ކާމިޔާބު ކުރެވޭތަން މި ފެންނަނީ އަދި އަޅުގަނޑުމެނާ އެކީގައި އެހެން ބަޔަކު ބައިވެރިވެގެން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މާޒީ އަށް ބަލާ އިރު މިކަން ވެފައި އޮތްގޮތް ވަރަށް ސާފުކޮށް ފެންނަށް އެބަ އޮތް."

އެހެންވެ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެފަދަ ބަޔަކާ އެކީގައި މަސައްކަތް ކޮށް އެމްޑީޕީ އަށް ވެރިކަން ހޯދޭނެ ގޮތަކަށް މަަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެކަމާ ދޭތެރޭ އައްޑޫގެ ރައްޔިތުންގެ ވިސްނުން ވެސް ގެންގުޅުމަށް އަޅުގަނޑު އެދެން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އައްޑު އަށް މާ ބޮޑު އަޅާލުމެއް ތަރައްގީއެއް ނުގެނެސްދޭ ކަމަށެވެ. އެކަމަކު މިވެރިކަމުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކޮށްދިން ވަރުގެ ކަންތައްތަކެއްކޮށް ދިން ސަރުކާރެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަށް ވުރެ ބޮޑު ތަރައްގީ އަށް މި ސިޓީއަށް ގެނައި ސަރުކާރެއް ހަމަ ގައިމު ވެސް ލިޔެކިއުންތަކުން ފެންނާކަށް ނެތް،" ރައީސް ވިދާޅުވި އެވެ. "ކުރީގެ ބައެއް ސަރުކާރުތަކުން މަސައްކަތްތަކެއް ކުރެވޭތޯ ބަލާފައި އެބަހުރި. އެހެން ނަމަވެސް އެއިން ކޮންމެ ކަމެއް ވެސް މިހާތަނަށް ކުރެވިފައި ހުރީ ވަގުތީ ހައްލެއް ހޯދައި ދިނުމަށް. ސާކް ސަމިޓާ ދިމާކޮށް ކޮށްފައި ހުރި ކަންކަން ކުރެވިފައި އެ ހުރީކީއެއް، ދާއިމީ ހައްލެއް އެއަށް ލިބޭ ގޮތަކަށް ނޫން."

އެހެންވެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިއަކު ހޮވާ އިރު، މިކަމަކީ އައްޑޫ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.