Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

ގަން އެއާޕޯޓް މަޝްރޫއު މި މަހު ހަވާލު ކުރަނީ

އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭ ކުންފުންޏަކާ ހަވާލު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އައްޑު އަށްކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ފޭދޫގައި އީއްޔެ ހަވީރު ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެއާޕޯޓު މަޝްރުޢޫ ލަސްތަކެއް ނުވެ ހަވާލުވެގެން ދާނެ ކަމަށެވެ.

"އެއާޕޯޓް ތަރައްގީ ނުވެ މިސިޓީއަކަށް ތަރައްޤީއަށް ނާންނާނެ. އެހެން ކަމުން އެވީ ވަޢުދާއި އެއްގޮތަށް މިހާރު ޓެންޑާކޮށް، ޓެކްނިކަލް އިވަލުއޭޝަން ނިމި ފައިނަލް އެވެލުއޭޝަންގައި އެ އޮތީ،" ރައީސް ވިދާޅުވި އެވެ. "[މޭޔަރު އަލީ] ނިޒާރު އެ ވިދާޅުވި ފަދައިން ލަސްތަކެއް ނުވެ އެމަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުވެގެން ދާނެ."

ފޭދޫގައި ބޭއްވި ހަރަކާތުގައި ނިޒާރު ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ހުށަހެޅުމާ އެކު އައްޑޫގެ އެއާޕޯޓު ތަރައްޤީ ކުރުމަށް ވެވަޑައިގެންނެވި ވައުދުގެ ތެރެއިން، ބަޔަކާ ހަވާލު ކުރެވި މިމަސްތެރޭ ސޮއިކުރެވޭނެ ކަމަށެވެ.


ގަން އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން އެ އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، އެތަން ތަރައްގީ ކުރަން ނިންމާފައ ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ.

އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެ އެވެ.