Last Updated: April 25, 17:12
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑުން ފަހަތުން އަރައި ސިޓީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

މި މޮޅާއެކު ޔުނައިޓެޑުން މިހާރު ވަނީ ސިޓީއާ ޕޮއިންޓަކާ ގާތަށް ޖެހިލާފަ އެވެ. ލީގުގެ ތިންވަނައިގައި 38 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތްއިރު ސިޓީ އޮތީ 39 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 44 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ލީގުގައި އާސެނަލް މާދަމާ ރޭ ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަށެވެ. ނަމަވެސް ހުސްކޮށް ހުރެ ބޯޅަ ހިފައިގެން ސިޓީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ރަޝްފޯޑް ފޮނުވާލި ހަމަލާ ދިފާއުކުރީ ސިޓީގެ ގޯލްކީޕަރު އެޑަސަން އެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 60 ވަނަ މިނެޓްގައި ސިޓީން ވަނީ ލީޑު ނަގާފަ އެވެ. ކެވިން ޑިބްރޭނާ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން މި ގޯލް ސިޓީ އަށް ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް އެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ރަޝްފޯޑްގެ ގޯލުން ޔުނައިޓެޑުން ވަނީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. ގަނާޗޯ ނަގައިިން ހުރަހަކުން ރަޝްފޯޑް މި ގޯލު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މިއީ ޔުނައިޓެޑުން ޖެހިޖެހިގެން ހޯދި 9 ވަނަ މޮޅު ކަމަށްވާއިރު މިއީ ލީގުގައި ސިޓީ ބަލިވި ތިންވަނަ މެޗެވެ.