Last Updated: July 27, 15:08
Saturday, July 27, 2024
ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް ލަދުވެތި ބައްޔެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އިން 3-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މިރޭގެ މެޗުން ބަލިވުމުން ލިވަޕޫލް އޮތީ 18 މެޗުން ލިބުނު 28 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގަ އެވެ. ބްރައިޓަން އޮތީ 30 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގަ އެވެ.

ބްރައިޓަންގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ބްރައިޓަން އިން ދިޔައީ މޮޅަށް ކުޅެ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލް ބްރައިޓަން އަށް ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ސޮލީ މާޗް އެވެ. އަދި މެޗުގެ 53 ވަނަ މިނެޓްގައި ބްރައިޓަންގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ މާޗް އެވެ.

މި ދެ ގޯލަށްފަހު ވެސް ބްރައިޓަން އިން ދިޔައީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 81 ވަނަ މިނެޓްގައި ޑެނީ ވެލްބެކް ވަނީ ބްރައިޓަންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

މިއީ ލީގުގައި ލިވަޕޫލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ލީގުގައި އެންމެފަހުން ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-1 އިންނެވެ. ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޗެލްސީއާ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސައުތެމްޓަން އިން ވަނީ ފަހަތުން އަރައި 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. ނޮޓިންހަމް ފޮރެސްޓުން 2-0 އިން ލެސްޓަ ސިޓީ ބަލިކުރިއިރު އަމިއްލަ ދަނޑުގައި ވުލްވްސް އިން ވަނީ ވެސްޓްހަމް ޔުނައިޓެޑް 1-0 އިން ބަލިކޮށްފަ އެވެ.