Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޕޮލިސް ކޮލެޖާ އެކު ރައްޔިތުންނާ ގުޅޭ ފުލުހުންގެ ޖީލެއް ބިނާވާނެ

34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހުގެ ނިންމުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއިއެކު ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރާނެ ފުލުހުންގެ އާ ޖީލެއް ބިނާވެގެން ދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، 34 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލް ޖުމުހޫއްރިއްޔާ އިބްރާހިމް މުހައްމަދު ސާލީޙްއެވެ. މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، މި ދަނޑިވަޅުގައި ފުލުހުންގެ އައު ޤާނޫނު ވުޖޫދުވެ އެ ޤާނޫނުގައި ތަޞައްވަރު ކޮށްފައިވާ ގޮތަށް ތައުލީމާއި ތަމްރީންތައް ބައްޓަން ކުރުމަށް ހާއްސަ މަސައްކަތަކެއް ކުރެވެމުންދާ ކަމަށެވެ.

މިގޮތުން މިދިޔަ އަހަރު ޤާއިމް ކުރެވެނު މި ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ފުލުހުން އައު ޖީލަކަށް ވާނެ ކަމަށް އުއްމީދު ކުރާކަމަށް ވިދާޅުވެ، ހިއްވަރާއި އެކު އެގޮތަށް މަސައްކަތް ކުރުމަށް އިރުޝާދު ދެއްވިއެވެ.

މި ހިޔާވަހި ކަމުގެ ދަށުން ތައުލީމާއި ތަމްރީން ލިބިގެންދާ ފުލުހުންނަކީ ޤާނޫނު ތަސައްވަރުކޮށްފައިވާ ޙިދުމަތުގެ އާސާސްތަކަށް ފަރިތަ، ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވައިގެން އެކުގައި މަސައްކަތްކޮށް މުޖްތަމައުގައި ހުރި މައްސަލަތައް ހައްލު ކުރާނެ ފުލުހުންގެ އައު ޖީލަކަށްވެގެންދާނެ ކަމަށް އުއްމީދު ކުރަން

ސީޕީގެ ހަމީދުގެ ވާހަކަފުޅުގައި، އަލަށް ދަސްވެނިވި ފުލުހުންނަށް ވަނީ ގިނަ އިރުޝާދުތަކެއް ދެއްވާފައެވެ. މިގޮތުން ރައްޔިތުން އަބަދުވެސް ރައްކާތެރި އަމާން މުޖްތަމައަކަށް އެދޭކަން ފާހަގަ ކުރެއްވައި ވިދާޅުވީ، މިގޮތަށް ކަންކަން ބިނާވެގެން ދާނީ ފުލުހުންގެ ޙިދުމަތަކީ ޒިންމާދާރު ޖަވާބުދާރީ ކުރުވަނިވި ޙިދުމަތަކަށް ވެގެން ކަމަށެވެ. މީގެ އިތުރުން މިހާރު ބަދަލުވަމުން އަންނަ ކުށުގެ މާހައުލުގައި ހިންގާ ކަންކަމަށް ފުލުހުން ތަމްރީނުވުމަށް އިތުރަށްވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރިކަން ކޮމިޝަނަރ ވިދާޅުވިއެވެ.

34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހުގެ ނިންމުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

އަދި ފުލުހުން ރައްޔިތުންނާއި މުޢައްސަސާތަކާއި އަދި ކައުންސިލްތަކާއި ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި 34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހާއި އެކު ދަސްވެނިވާ ދަރިވަރުންނާއި އެކު މިމަންޒަރު ސައުތު ޕޮލިސް ރީޖަން އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުން ފެންނާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހުގެ ނިންމުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރުމުގެ ހަފްލާގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ ވަޒީރުންނާއި ސިޓީ ކައުންސިލުގެ އިތުރުން ދަސްވެނިވި ދަރިވަރުންގެ ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.